މަސްތުވާތަކެއްޗާއެކު ތ.ތިމަރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ އިންޓެލިޖެންސާ ތިމަރަފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ 15:48 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މީހާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އެ މީހާ ދިިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
މި މައްސަލަ ތިމަރަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.