މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެން އުވާލަން ނިންމީ ޕްރެޝަރެއް ކުރިމަތިވެގެންނެއް ނޫން: މަހުލޫފް

1

ސަރުކާރުން މޯލްޑިވްސް ޑިމްކޮރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމީ ޕްރެޝަރެއް ކުރިމަތިވެގެން ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓު ނެރުނު މައްސަލައިގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީއެން ސަސްޕެންޑްކޮށްފައިވާނެ ކަމަށާއި ސަރުކާރުން އެ މައްސަލަ ބަލާފައިވާނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަސްޕެންޑްކޮށްފައި އޮތް ޖަމިއްޔާއެއްގެ ވާހަކަ މިދައްކަނީ. މިއަދު ސަރުކާރުން ނިންމި ނިންމުމަކީ އެއްވެސް ހާލެއްގައި ޕްރެޝަރަކަށް ކުރި ކަމެއް ނޫން. އަޅުގަނޑުމެން މި ފޮލޯ ކުރަނީ ޑިއު ޕްރޮސެސް. ކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި ކަން ކުރި ގޮތަށް ކުރަންވެއްޖެއްޔާ، އަޅުގަނޑުމެންނަށް މިކަން ވެސް ކޮށްލެވުނީސް. އެކަމަކު ގާނޫނެއްގެ ދަށުން އުފައްދާފައި އޮތް ބައެއް، ގާނޫނާ ހިލާފުވީމަ އުވާލެވޭނެ ގޮތް ވެސް އެބައޮތް ލިޔެފައި. ސަސްޕެންޑް ކުރެވޭނެ ގޮތް ވެސް އެބައޮތް ލިޔެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އެ މައްސަލައިގައި ނުކުމެ ކިތަންމެ ބާރަށް އަޑުގަދަކުރި ކަމުގައިވިޔަސް، ސަރުކާރަށް ގާނޫނާ ހިލާފަށް ކަމެއް ނުކުރެވޭނެ ކަމަށާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފިނަމަ އެކަމެއް ފެންނަން އޮންނާނެ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ނިންމާ ނިންމުމެއްގެ ސަބަބުން ކޯޓަށް ގޮސް، އެކަމެއް ކާމިޔާބުކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް ސާފުކޮށް ވިދާޅުވި ތިމަންނާ މިކަމުގައި ވަރަށް ރަނގަޅަށް، ގާތުން މިކަން ބައްލަވާނެ ވާހަކަ. ތިމަންނަ ޕްރެޝަރުގައި ކަމެއް ނުކުރައްވާނެ ވާހަކަ. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދެވުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޑީއެން ރިޕޯޓުގެ މައްސަލަ ހުށަހެޅުނު ނަމަވެސް، އެކަމާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ޔޫތު މިނިސްޓްރީގައި އެބަހުރި ކަމަށެވެ. އަދި އެ މައްސަލައިގައި އެމްޑީއެން އިން މައާފަށް އެދުނު ނަމަވެސް، އެކަމަކީ ސީރިއަސް މައްސަލައެއް ކަމަށްވުމުން ސަރުކާރުން ބަލަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މައްސަލަ ބަލަން ފެށި ދުވަހުން ފެށިގެން ވެސް އެ ޖަމިއްޔާގެ އެއްވެސް ހަރަކާތެއް ނުހިންގޭ ގޮތަށް ސަސްޕެންޑްކުރުމަށް ފަހު، އިސްލާމިކް މިނިސްޓްރީން ޕޮލިހަށް ހުށަހެޅި މައްސަލަ ތަހުގީގުކޮށް، އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް އެކަން ދީނީ އިލްމުވެރިން ބައިވެރިވުމާއެކީ އެ މައްސަލަ ތަހުގީގުކޮށް ނިންމާފައި، ދެން އޭގެ ހޯދުންތައް އަޅުގަނޑުމެންނަށް މި ފޮނުވަނީ. ދެން އަޅުގަނޑުމެންގެ މިނިސްޓްރީ އެ ކުރި ކަމަކީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގައި މަތިން އަޅަން ޖެހޭ ފިޔަވަޅު އެޅީ،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފު އެފަދަ ކަންކަން ނުކުރުމަށް ޖަމިއްޔާތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކޮންމެ ޖަމިއްޔާއަކުން ވިޔަސް، އެފަދަ ކަމެއް ކޮށްފިނަމަ ސަރުކާރު އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟