ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ހޯދަން ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހު ފުރުސަތު ދީފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ބަދަލު ހޯދަން ހުށަނާޅާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ސީލައިފަށް ފައިސާ ދައްކައި، އެ ފައިސާ އަނބުރާ ނުލިބޭ ފަރާތްތަކުން އެޗްޑީސީއަށް އެ މުއްދަތުގެ ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް ދަންނަވާ ކަމަށާއި އެ ފުރުސަތަށް ފަހު ބަދަލު ހޯދަން އެދޭ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ބަދަލު ހޯދަން އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހެނީ ސީލައިފުން ފްލެޓް ގަތުމަށް ވެފައިވާ އެއްބަސްވުމާއި ފްލެޓް ގަތުމަށްޓަކައި ސީލައިފަށް ފައިސާ ދެއްކި ރަޝީދާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެކެވެ.
ސީލައިފްއާ 2014 ވަނަ އަހަރު ހަވާލުކުރެވުނު ހައުސިން މަޝްރޫއުގެ ހައުސިން ޔުނިޓުތައް ހެދުމަށް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓަލައިފައެވެ. އަދި ފައިސާ ނެގި ފަރާތްތަކަށް ބަދަލު ދީފައެއް ވެސް ނުވެއެވެ.
ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއެއް 2014 ވަނަ އަހަރު ތެރޭ ހަވާލު ކުރެވުނު އިރު، މި ހައުސިން ޔުނިޓުތައް ގަތުމަށް 200 އަށް ވުރެ ގިނަ ފަރާތްތަކަކުން ވަނީ ބުކިން ފީ އަދި ޑައުންޕޭމަންޓް ވެސް ދައްކައިފައެވެ. މަޝްރޫއު ހުއްޓުމުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ވަނީ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ނިންމާލާފައިވަނީ އެޗްޑީސީން އެ ފަރާތްތަކަށް ބަދަލު ދޭގޮތަށެވެ.
ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއު ސީލައިފްއާ ހަވާލުކުރުމާ ގުޅިގެން އޭރު ގިނަ ބަޔަކު އެ ފްލެޓް ގަތުމަށް ސީލައިފަށް ވަނީ ފައިސާ ދައްކައިފައެވެ. އެޗްޑީސީ އާއެކު ސީލައިފުން ވި އެއްބަސްވުމުގައި މަސައްކަތުގެ %20 ނުނިމެނީސް އެޑްވާންސް ފައިސާ ނުނެގޭނެ ކަމަށްވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ނަމަވެސް ސީލައިފުން އެއްވެސް މަސައްކަތެއް ނުކޮށް 200 މީހުންނަށް ވުރެ ގިނަ މީހުން އަތުން ބުކިން ފީ އަދި ބައެއް މީހުންގެ އަތުން ޑައުން ޕޭމަންޓް ފީ ނަގާފައިވެއެވެ.