މަޖިލީހުގެ ރައީސް

ޔޫއޭއީގެ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ސައީދު އަލްޝަމްސި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ އިއްޔެ ރައްޔިތުންގެ މަޖިލިސްކުރާގޭގަ އެވެ.

މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުމާބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޔޫއޭއީގެ ސަފީރު ވަނީ މަޝްވަރާކުރައްވާފައެވެ.

ޔޫއޭއީ ސަފީރުގެ ވާހަކައިގައި، ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވައި، ރާއްޖެއިން އަބަދުވެސް ދެމުން އަންނަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.