ކްރިމިނަލް ކޯޓު ހިންގުން، ވަގުތީގޮތުން އެ ކޯޓުގެ ގާޒީ، އަލީ ރަޝީދުއާ ހަވާލުކޮށްފިއެވެ.
ޖޭއެސްސީން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދުއާ ހަވާލުކުރަން ނިންމީ، އެ ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްއާ ގުޅޭގޮތުން ބަލަމުން އަންނަ ސުލޫކީ މައްސަލައާ ގުޅިގެން މިއަދުން ފެށިގެން ސަސްޕެންޑްކުރުމަށް ނިންމުމާ ގުޅިގެން ކަމަށެވެ.
ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލުމުން އަންނަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައިގައެވެ.
އެގޮތުން ހައިލަމްގެ ސުލޫކީ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މައްސަލަ ރައްދުވާ ފަރާތް މަސައްކަތަށް ނުކުމެ އުޅުމަކީ މައްސަލައިގެ ޒާތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ ކަމަކަށް ވާތީކަމަށް ބުނެ ޖޭއެސްސީން ވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ހައިލަމަށް އަންގާފައެވެ.
އިސްގާޒީ ހައިލަމްގެ މި ސުލޫކީ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައި މިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ބޭއްވުމަށް ހަމަޖައްސާފައިވަނިކޮށެވެ.
ނަމަވެސް އެ މައްސަލަ ބަލަމުން އަންނަނީ އިސްގާޒީ ހައިލަމް ކަމުން، އޭނާ ސަސްޕެންޑުކުރުމާ ގުޅިގެން ޔާމީނުގެ މައްޗަށް ހުކުމް ކުރަން އޮތް ޝަރީއަތުގެ މަޖިލިސް ވަނީ ކެންސަލުކޮށްފައެވެ.
އިސްގާޒީ ހައިލަމްގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީން މިހާރު ވަނި ބަލަންފަށާފައެވެ.