ސުޕްރީމް ކޯޓް

އޭއޭސީސީއީއައި ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެއްޖެ

އާނިފާ ހުސެއިން ސިރާޖް

އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކުއިވެލަންޓް އިންސްޓިޓިއުޝަންސް (އޭއޭސީސީއީއައި) ގެ ދައުވަތު ގަބޫލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ އެސޯޝިއޭޝަންގައި ބައިވެރިވެއްޖެއެވެ.

ސުޕްރީމް ކޯޓުން ބުނީ، އޭއޭސީސީއީއައި ގެ މެންބަރުކަން އެ އެސޯސިއޭޝަންގެ ފަރާތުން ބަލައިގެންފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެ އަންނަ ހުކުރުދުވަހުގެ ނިޔަލަށް ކުރިއަށްދާ "ދަ ތާރޑް އިންޑޮނީޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓު އިންޓަނޭޝަނަލް ސިންޕޯޒިއަމް 2019 (އައިސީސީއައިއެސް 2019) ޝޯޓް ކޯސް އެންޑް ކޯލް ފޮރ ޕޭޕަރ" ގެ ތެރެއިން، މިދިޔަ އާދިއްތަ ދުވަހު ކުރިއަށް ދިޔަ އޭއޭސީސީއީއައި ގެ ބޯޑް މެންބަރުންގެ ބައްދަލުވުމުގައި، އެ އެސޯސިއޭޝަންގެ މެންބަރު ހުރިހާ ގައުމެއްގެ ތާއީދާއެކު ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން މި ބައްދަލުވުމަށް ހުށަހަޅަން ޖެހޭ ރިމާކްސް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ބަދަލުގައި ހެޑް އޮފް ޑެލިގޭޝަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ކަމަށް ސްޕްރީމްކޯޓުން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ދެއްކެވި ވާހަކައިގައި، ދިވެހިރާއްޖޭގައި ދުސްތޫރީ މައްސަލަތައް ބެލުމުގައާއި، ވަކިން ހާއްސަކޮށް އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގައާއި ނެގެހެއްޓުމުގައި އޭއޭސީސީއީއައިގެ މެންބަރު ގައުމުތަކުގެ ތަޖުރިބާތަކަކީ ދިވެހިރާއްޖެއިން ފިލާވަޅު ލިބިގަނެވޭނެ އަދި ރާއްޖެއަށް ފައިދާކުރާނެ ތަޖުރިބާތަކެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އިއްޔެ ކުރިއަށްދިޔަ އައިސީސީއައިއެސް 2019 ގައިވެސް ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ވާހަކަދައްކަފާއިކަމަށް ސުޕްރީކޯޓުން މައުލޫމާތުދެއެވެ. މިގޮތުން، ކޮންފަރެންސްގެ މައުލޫ "ކޮންސްޓިޓިއުޝަނަލް ކޯޓް އެންޑް ދަ ޕްރޮޓެކްޝަން އޮފް ސޯޝަލް އެންޑް އިކޮނޮމިކް ރައިޓްސް" އާ ގުޅިގެން، ދިވެހިރާއްޖޭގެ ދުސްތޫރުގައި އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތައް ތަރުތީބުވެގެންވާ ގޮތާއި، އެހައްގުތައް މާނަކުރުމުގެ އުސޫލުތަކުގެ މައްޗަށް ޑރ. އަޒްމިރާލްދާ ޒާހިރު އަލިއަޅުވާލެއްވިއެވެ.

އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ މިބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދާއި، އެސިސްޓެންޓް ލީގަލް އޮފިސަރު މަރްޔަމް ރައުހާގެ އިތުރުން އެސިސްޓެންޓް ލީގަލް އޮފިސަރު ހައްވާ މުހައްމަދު ވަހީދު އަދި ކޯޓު މާސްޓަރު އަހުމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި ކަމަށް ސުޕްރީމްކޯޓުން މައުލޫމާތުދެއެވެ.