ރައްޔިތުންގެ މަޖިލިސް

ފަރެސް މާތޮޑާ ދާއިރާ އާއި ފެލިދޫ ދާއިރާގެ މެންބަރުވެސް ޖަލްސާއިން ބޭރު ކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ޖަލްސާއިން ބޭރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ދެ މެންބަރުންގެ ނަންވެސް އިއްވީ، އެ މެންބަރުން މަޖިލީހުގައި އަޑުގަދަ ކުރުމުންނެވެ.

އެބޭފުޅުން އަޑުގަދަ ކުރަން ފެއްޓެވީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގެ ނަން އިއްވައި މަޖިލީހުން ނެރުމުންނެވެ.

އެ ތިން މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނެރުނީ، ކަށިގަނޑާއި ދުއްމާރި ބޭނުން ކޮށްގެން އަޑުގަދަކުރެއްވުމުންނެވެ.

މިދެ މެންބަރުންގެ ނަން އިއްވާފައި ވަނީ މަޖިލީހުގައި އަޑުގަދަކޮށް މަޖިލީހުގައި ކަށިގަނޑު ފުމެ ހެދުމާ ގުޅިގެންނެވެ.

އެ މެންބަރުން އަޑުގަދަ ކުރެއްވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރި މައްސަލައިގައެވެ. ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން، ޔާމީންގެ މައްޗަށް ހުކުމް އިއްވަން މިއަދަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލިސް ވަނީ ފަސްކޮށްފަ އެވެ.