އިބްރާހިމް ޒަކީ
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލިސް ޖަލްސާއިން ނިކުންނަވައި، މަޖިލިސް މާލަމުގެ ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރު ތޯރިގަށް އެގޮތަށް އަމަލު ކުރެއްވުމަށް އެންގެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރައްވައި ދުންމާރި ފުންމަވައިގެން ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ނަން އިއްވެވުމަށްފަހުގައެވެ.
މަޖިލިސް ރައީސް ފުރަތަމަ ފަހަރަށް ތޯރިގުގެ ނަން އިއްވެވީ އަަޑުގަދަ ކުރެއްވުމުންނެވެ.
އެފަހަރު ނަން އިއްވަވައި ބޭރަށް ނިކުންނެވުމަށް މަޖިލިސް ރައީސް ތޯރިގަށް އަންގަވައި، އެ މެންބަރު މަޖިލިސް ތަޅުމުން ނެރުއްވުމަށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެންގެވިއެވެ.
ތަޅުމުން ނިކުންނެވުމަށްފަހު އަލުން ތޯރިގު ޖަލްސާއަށް ވެންނެވިއެވެ. އަދި ޖަލްސާގެ ވަކި ހިސާބަކުން އަނެއްކާ ތޯރިގު ދުންމާރި ފުންމަވަން ފެއްޓެވުމުން ދެވަނަ ފަހަރަށް ތޯރިގުގެ ނަން އިއްވަވައި ތަޅުމުން ނިކުންނެވުމަށް މަޖިލިސް ރައީސް ތޯރިގަށް އެންގެވިއެވެ. އަދި ތޯރިގު މަޖިލީހުގެ ތަޅުމުން ނެރުއްވުމަށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އަންގަވައި ތޯރިގު ފުންމަވަން ގެންގުޅުއްވި ދުންމާރި މަޖިލީހުގެ އިދާރާއަށް ގެންނެވުމަށްވެސް މަޖިލިސް ރައީސް ސާޖަންޓް އެޓް އާމްސް އަށް އެންގެވިއެވެ.
ދެން ތޯރިގަށް މަޖިލިސް ރައީސް އެންގެވީ ޖަލްސާއިން ނިކުންނަވައި، ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް މަޖިލިސް ރައީސް ވަނީ ތޯރިގަށް އަދަބު ދެއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކަށިގަނޑު ފުންމަވައި އަޑުގަދަ ކުރައްވާތީ މަޖިލިސް ރައީސް ތޯރިގަށް އެންގެވީ، "ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން" މިހެން 100 ފަހަރު ލިޔުއްވުމަށެވެ.