ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރެއްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
ނެރުނު މެންބަރުންނަކީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގެވެ.
އެ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނެރުނީ، އަޑުގަދަ ކުރައްވައި ޖަލްސާގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އޭގެ ތެރެއިން ބައެއް މެމްބަރުން ކަށިގަނޑާއިި ދުންމާރި ބޭނުން ކުރައްވައިގެން އަޑުގަދަ ކުރެއްވި އެވެ.
އެ މެންބަރުން އަޑުގަދަ ކުރެއްވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރި މައްސަލައިގައެވެ. ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން، ޔާމީންގެ މައްޗަށް ހުކުމް އިއްވަން މިއަދަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލިސް ވަނީ ފަސްކޮށްފަ އެވެ.
ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު މެންބަރުން ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި މަޖިލިސް ރައީސް ނަޝީދު، ގައުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ވަރަށް ހިތާމަވެރިކޮށް ކަމަށެވެ. އެގޮތުން ހެނދުނު މުނާޖާ ކޮނޑު އަޅުއްވައިގެން މަޖިލީހުގައި ކާޑު ޖެއްސެވުމަށްފަހު މަޖިލިސް ރައީސް ވަޑައިގަންނަވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަހުގީގު ކުރައްވަން ކަމަށް މެންބަރުން ވިދާޅުވިއެވެ.
އެމައްސަލައިގައި މެންބަރުން އަޑުގަދަ ކުރައްވައި އެހެން މެންބަރުން ބިލަށް ވާހަކަ ދެއްކެވުމަށް ހުރަސް އެޅޭތީ، މަޖިލިސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ތިން ބޭފުޅުންގެ ނަން އިއްވަވައި މަޖިލިސް ތަޅުމުން ނެރުއްވީއެވެ.