މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި

މަރިޔަމް ޝަހުދާ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު، އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި އެވެ.

އެމްޑީއެންގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމައި އެކަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އާންމުކޮށްފައިވަނީ މިއަދުއެވެ. ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މި ޖަމިއްޔާ އުވާލަން ނިންމާފައިވަނީ ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުންނެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ، އިސްލާމްދީނަށް އިހާނެތިކޮށް ހިތައިފިނަމަ، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައިފިނަމަ ނުވަތަ އެ އެއްބައިވަންތަ ކަމަށް އުނިކަމެއް ގެނެސްފި ނަމަ ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރަކާއި ޝިއާރެއް ރާއްޖޭގައި ފާޅުކޮށްފިނަމަ އެ ޖަމިއްޔާ ހެދުން މަނާ ކުރެވޭނެއެވެ. އަދި ހަމަ އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ރާއްޖޭގެ ޖުމްހޫއްރިއްޔާގެ ގާނޫނު އަސާސީ އާއި ނޫނީ ރާއްޖޭގެ ގާނޫނާއި ހިލާފުވާ ކަމެއް ޖަމިއްޔާއަށް ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެމްޑީއެން އިން ނެރެފައިވާ ''ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާއެކު ކުރި މަސައްކަތުން މިނިސްޓްރީއަށް ކަށަވަރުވެފައިވާކަމަށް ޔޫތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ޖަމިއްޔާ އުވާލާފައިވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ހިލާފުވުމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެމްޑީއެންގެ ރަޖިސްޓްރީ ބާތިލު ކުރިކަން މިހާރު އެޖަމިއްޔާއަށް އަންގާފައިވާނެ ކަމަށެވެ. އަދި ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ދަރަންޏާއި މުުދަލާއި ބެހޭ ގަވައިދުގެ ދަށުން އެ ޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް އެ ޖަމިއްޔާއަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިނިސްޓްރީގެ ބަޔާނާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޖަމިއްޔާ އުވާލީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެ ނިންމުމަކީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުތަކަށް އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ހުރިކަން ކަށަވަރުވުމުން ނިންމި ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 ކައުންސިލަކުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ.