މަސްތުވާތަކެތީގެ މައްސަލަތައް

ނާލާފުށިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަރިޔަމް ޝަހުދާ

މ. ނާލާފުށިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ނާލާފުށިން މަސްތުވާތަކެތި ފެނިފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މ. މުލީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ ނާލާފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެ 12:04 ހާއިރު ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ހޯދާފައިވަނީ ފަޅު ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ފަޅުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ މިހާރު މުލީ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނައިރު މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.