ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

އެއްވެ އުޅުން ހަނިކުރުމުގެ އިސްލާހު އުވާލަން ހުށަހެޅި ބިލު ޕާކުކޮށްފައިވާތީ ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށް، ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުުގެ މިނިވަން ކަމުގެ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ކޮމިޓީގައި ޕާކު ކޮށްފައިވާތީ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ އިސްލާހު އުވާލަން ބިލު ހުށަހެޅުއްވީވެސް ޖާބިރެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީއަކީ ރައްޔިތުންނަށް އެތައް ހައްގުތަކެއް ލިބިދީފައިވާ ގާނޫނުއަސާސީއެއް ކަމަށެވެ. އަދި އެ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަކީ، ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއް ފައްކާކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާކަމަށް އަޑު އުފުލާ އެމްޑީޕީން ބޭނުންވާ ކަމެއްނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ ބިލު ޕާކު ކޮށްފައި އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ އެ އިސްލާހު ދޮޅުމަހަށްވުރެ ގިނަ ދުވަސް ވީއިރު ވެސް ކޮމިޓީގައި ޕާކުކޮށްފައި އޮއްވައި މިމަހު ދެވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ސުލްހަވެރި އެއްވުމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެ އެއްވުމުގެ ތެރެއިިން ޑީއާރުޕީގެ ރެޖިސްޓްރާއާއެކު ބައެއް މީހުން ހައްޔަރުކުރި މައްސަލަ ޖާބިރު ވަނީ ކުށްވެރި ކުރައްވައިފައެވެ.

ޖާބިރު ވަނީ އެ ބިލު ވީ އެންމެ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ގެނައިސް ގާނޫނުގައި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ބައި އުވާލުމަށް ގޮވާލައިފައެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށް، ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުުގެ މިނިވަން ކަމުގެ ގާނޫނަށް އިސްލާހު ގެނައީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ފުލުހުން ލިޔުމުން ދޭ ހުއްދަ އަކާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާއްމުކޮށް އިއުލާން ކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

ޖާބިރު ބިލު ހުށަހަޅާފައިވަނީ ގާނޫނުގައި ހިމެނޭ މިބައި އުވާލުމަށެވެ.

ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެން އެ ކުއްލި މައްސަ މަޖިލީހަށް ބަލައިގަނެ ވަނީ ބަހުސް ފަށައިފައެވެ.