އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި އެވަޓަންގެ ޕޯޗުގަލް މިޑްފީލްޑަރު އަންދްރޭ ގޮމޭޒްއަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ކުރި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އެކްލަބުން ބުނެފިއެވެ.
ރޭ ކުޅުނު އެ މެޗުގައި ގޮމޭޒްގެ ފައި ބިންދައިގެން ގޮސްފައިވަނީ ސޮން ހިއުން މިންގެ ޓެކަލްއާ ގުޅިގެން ވެއްޓެން ދަނިކޮށް، ސާޖް އޮރިއާ ކުރި އިތުރު ޓެކަލްއަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން މެޗުގެ 79 ވަނަ މިނެޓުގައި ސޮންއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.
ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ގޮމޭޒްއަށް ލިބުނު ސީރިއަށް އަނިޔާއާ ގުޅިގެން ސޮން ދަނޑުން ފައިބައިގެން ދިޔައީ ހިތާމައިގެ މޫނަކާއެކުއެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވެސް ދަނޑުމަތީގައި ގޮމޭޒްއަށް ފަރުވާދީފައިވެއެވެ. އުމުރުން 26 އަހަރުގެ ގޮމޭޒަށް ލިބުނު އެ އަނިޔާއާ ގުޅިގެން ދިގު މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.
އެވަޓަން އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ކުރި ގޮމޭޒްގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި ރިހެބިލިޓޭޝަނަށް ދިއުމުގެ ކުރިން އޭނާ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި ގޮމޭޒްއަށް ލިބުނު އަނިޔާ އިން ފުރިހަމަ ރިކަވަރީއަކަށް ދެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެވަޓަން އިން ބުންޏެވެ.
ގޮމޭޒަށް އެ އަނިޔާ ލިބުނު އިރު، ޑެލޭ އަލީގެ ލަނޑުން 1-0ގެ ނަތީޖާއަކުން ޓޮޓެންހަމް އޮތީ ކުރީގައެވެ. ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ތުރުކީ ފޯވަޑް ސެންކް ޓޮސުންއެވެ.