ގާސިމް އިބްރާހިމް

ޖޭޕީގެ ތެރެއިން މީހަކު އަޅުގަނޑާ ޗެލެންޖް ކުރިޔަސް މައްސަލައެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ތެރެއިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ޗެލެންޖް ކުރިޔަސް އެމީހަކާ މެދު މައްސަލައެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޗެލެންޖް ކުރެއްވިޔަސް ޒާތީގޮތުން ވެސް އެމީހަކާ ދެމެދު މައްސަލައެއް ނޯންނާނެ ކަމަށާއި އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މި ޕާޓީގައި ކޮންމެ ބޭފުޅަކު އަޅުގަނޑާ ޗެލެންޖް ކުރައްވާނަމޭ ވިދާޅުވި ކަމުގައިވިޔަސް، އަޅުގަނޑުގެ އެއްވެސް ހިތްހަމަނުޖެހުމެއް ނޯންނާނެ. ޒާތީގޮތުން ޕާސަނަލް ލެވެލްގައި ނުވަތަ ރަސްމީގޮތުން އަދި ނުރަސްމީގޮތުން ވެސް އަޅުގަނޑު ކުރައްވާނެ އެއްވެސް ކަމެއް ނޯންނާނެ. އެބޭފުޅަކަށް އަޅުގަނޑު މަރުހަބާ ކިޔާނަން. އެގޮތުން އަލްހާން ފަހުމީ ވިޔަސް، އަލީ ވަހީދު ކަމަށްވިޔަސް، އަމީން ކަމަށްވިޔަސް، ޕޮލިޓިކަލް އެޑްވައިޒަރު އާދަމް އާޒިމް ކަމަށްވިޔަސް، ޑރ. ހުސައިން ކަމަށްވިޔަސް އަޅުގަނޑަށް މައްސަލައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮންމެ މީހެއް ކަމަށްވިޔަސް ޖޭޕީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސިޔާސީ މަސައްކަތްތަކުގައި އުޅޭ ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ޖޭޕީގައި މިހާރު ތައުލީމީ ބޭފުޅުން ގިނަކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ.

"މިއަދު ޖުމްހޫރީ ޕާޓީގައި ތައުލީމީ ބޭފުޅުން ވަރަށް ގިނަ. އަދި ހާއްސަގޮތެއްގައި ގާނޫނޫ ދާއިރާއިން ބެލިޔަސް އަދި އެހެން ދާއިރާއަކުން ބެލިޔަސް އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ ސިފައެއްގެ ހުރިހާ ފަންތިއެއް އަދި ގިންތިއެއްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ޖޭޕީއަށް މިއަދު އަލްހާން ސޮއިކުރެއްވި އިރު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިއްޔެ އެ ޕާޓީއަށް ސޮއިކުރެއްވިއެވެ.