މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ސަރުކާރުގެ ފަރާތުން އުނގުފާރު ދާއިރާގެ މެންބަރ ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައިވަނީ 38 މެންބަރުންނެވެ. އަދި އެބިލު ބަލައިގަތުމަށް ފެންނަ ކަމަށް 28 މެންބަރުން ވޯޓް ދެއްވި އިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުން ނުވާ ދެ މެންބަރުން ތިއްބެވިއެވެ.
ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ މީޑިއާ ކޮމިޝަންގެ ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށުމުން، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ. އަދި މީޑިއާގެ ހުރިހާ ކަމެއް އޭރުން ބަލަހައްޓަމުންދާނީ އެ ކޮމިޝަނުންނެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީޑިއާ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ކޮމިޝަނެކެވެ. އެކޮމިޝަން އެކުލަވާލުމަށް ހަމަޖެހިފައިވަނީ ހަތް މެންބަރުންގެ މައްޗަށެވެ.