ރައްޔިތުންގެ މަޖިލިސް

ކޯޓުތަކުގައި މައްސަލަތައް ނުނިމި ލަސްވާ މައްސަލަ ހައްލު ކުރުމަަށް ޓާސްކް ފޯހެއް އެކުލަވާލަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޯޓުތަކުގައި މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަނެ އެކަން ހައްލު ކުރުމަަށް ކުރަން ޖެހޭ ކަންކަން ކުރުމަށް، ޓާސްކްފޯހެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ކޯޓުތަކުގައި ހިނގާ މައްސަލަތައް ނުނިމި، އާދަޔާ ހިލާފަށް ދިގު ދެމިގެންދާ ކަމުގެ ޝަކުވާ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަމުން ދިއުމުގެ ސަބަބުން އެ ކޮމިޝަނުން "ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓު" އާގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު ފާސް ކޮށްގެންނެވެ.

މި ރިޕޯޓް މަޖިލީހުން ފާސް ކުރީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ތަމްސީލް ކުރާނޭ ފަރާތްތައް ހިމެނޭގޮތުން އިންޓަރ އެޖެންސީ ޓާސްކްފޯސްއެއް ޖޭއެސްސީން އެކުލަވާލައި، އެ ޓާސްކް ފޯހުގެ މެއިންޑޭޓްގެ ތެރޭގައި، ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާ ސަބަބު ތަކާއި ދަތިތައް ދެނެގަނެ އެކަން ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާތަގާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ޕެންޑިންގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރު ލެއްވުމަށް އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް އަބުދުﷲ އަރީފް މަޖިލީހަށް ފޮނުއްވި ރިޕޯޓުން ދައްކާގޮތުގައި، ކްރިމިނަލް ކޯޓުގެ ޕެންޑިންގައި މިހާރު 1،910 މައްސަލަ އޮތްއިރު އޭގެ ތެރޭގައި 10 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވީ މައްސަލަތައްވެސްް ހިމެނެއެވެ.

ރިޕޯޓުން ދައްކާގޮތުގައި އިބްތިދާއީ އަޑު އެހުމުގެ މަރުހަލާއި، 1،105 މައްސަލަ އޮތްއިރު، އޭގެ ތެރެއިން ކޮންމެ މައްސަލައެއް ނިންމުމަށް ހަފްތާއަކު އަޑުއެހުމެއް ގޮތަށް 15 އަޑުއެހުން ބާއްވަން ޖެހެއެވެ. އެހެންކަމުން އެ މަރުހަލާގެ މައްސަލަތައް ނިންމުމަށް ޖުމްލަ 16،575ަ އަޑުއެހުން ބާއްވަން ޖެހެއެވެ.

ޝަރީއަތުގެ އަޑުއެހުމުގެ މަރުހަލާގައި 594 މައްސަލަ އޮތް އިރު، ހަފްތާއަކު އަޑުއެހުމެއްގެ ނިސްބަތުން އެ މައްސަލަތައް ނިންމުމަށް ކޮންމެ މައްސަލައަކަށް ނުވަ އަޑުއެހުން ބާއްވަން ބޭނުންވާއިރު، އެ މަރުހަލާގެ މައްސަލަތައް ނިންމުމަށް 5،346 އަޑުއެހުން ބާއްވަން ޖެހެއެވެ.

މީގެ އިތުރުން ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި 56 މައްސަލަ އޮތްއިރު ކޮންމެ މައްސަލައަކަށް ހަތަރު އަޑުއެހުން ބާއްވަން ޖެހޭއިރު، އެ މަރުހަލާގައި ހުރި ހުރިހާ މައްސަލައެއް ނިންމަން 224 އަޑުއެހުން ބާއްވަން ޖެހޭ ކަމަށެވެ. އަދި ހުކުމް ކުރުމުގެ މަރުހަލާގައި 155 މައްސަލަ އޮތްއިރު ކޮންމެ މައްސަލައަކަށް ތިން އަޑުއެހުމުގެ ނިސްބަތުން އެ މަރުހަލާގެ މައްސަލަތައް ނިންމުމަށް ޖުމްލަ 465 އަޑުއެހުން ބާއްވަންޖެހެއެވެ.