ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ އިިދިކޮޅު މެންބަރުން އިހުތިޖާޖު ކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވީ، ކޯޓުތަކުގައި މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަނެ އެކަން ހައްލު ކުރުމަަށް ކުރަންޖެހޭ ކަންކަން ކުރުމަށް، ޓާސްކް ފޯހެއް އެކުލަވާލުމަށް ލަފާދީ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހަށް ހުށަހަޅައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިންނެވެ.
އެ ބަހުސްގެ ތެރެއިން ވާހަކަ ދައްކަަވަމުން ގެންދެވި އެމްޑީޕީ މެންބަރުން، ހައިލަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަން ފެށުމުންނެވެ.
އެބޭފުޅުން ވާހަކަ ދެއްކެވީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ހައިލަމް ކުރެއްވި ވައިބާ މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ގޮތަށް ސިފަވާ ކުރެހުމެއް ހިމެނޭތީ އެކަން ކުށްވެރި ކޮށެވެ.
އެމްޑީޕީ މެންބަރުން ވިދާޅުވީ، އެއީ އެފަދަ ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ހައިލަމް ބާއްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީންގެ ކޮރަޕްޝަން މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލް ކޮށްފައި އޮތްއިރު، އެފަދަ ކުރެހުމެއް ހާމަ ކުރުމަކީ އެ މައްސަލައިގައި ފަނޑިޔާރު އެއް ފަރާތަށް ޖެހިފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ފަނޑިޔާރު ހައިލަމްގެ އެ އަމަލުންވެސް ފަނޑިޔާރުން ސިޔާސީ ވެފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ. އަދި ފަނޑިޔާރުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ދަނޑިވަޅުގައި އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ފަނޑިޔާރު ހައިލަމް ފަދަ ބޭފުޅުން ކޯޓުތަކުގައި ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ފަނޑިޔާރު ހައިލަމް އަކީ ނުފޫޒުންނާއި ތައައްސުބުން އެއްކިބާވެފައިވާ ބޭފުޅެން ނޫންކަން ދޭހަވާ ކަމަށް ވިދާޅުވެ ކޮރަޕްޝަނުގައި ޖެހިފައިވާ ކަމަށް ހައިލަމް މައްޗަށް ޖީހާން ވަނީ ތހުމަތު ކުރައްވައިފައެވެ.
މެންބަރުންގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަންވަން ފެއްޓެވިއެވެ.
އޭގެ ތެރެއިން ނެންގެވި ނިޒާމީ މައްސަލައެއްގައި މަޖިލިސް ރައީސަށް ނިސްބަތް ކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަޖިލިސް ރައީސް ހެނދުނު މަޖިލީހުގައި އިންނެވުމަށްފަހު ދެން ވަަޑައިގަންނަވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށާއި އެތާ އިންނަވައިގެން މާދަމާ ހުކުމް އިއްވަން އޮތް ޝަރީއަތެއްގެ ފަނޑިޔާރުގެ މައްސަލަ ނިންމެވުމަށްފަހު، އަނެއްކާ މަޖިލީހަށް ވަޑައިގެން އެކަމާބެހޭ ރިޕޯޓަށް ބަހުސް ކުރާއިރު ރިޔާސަތުގައި އިންނަވަނީވެސް މަޖިލިސް ރައީސް ކަމަށެވެ.
އެހެންކަމުން އެކަމަކީ، ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށާއި އެކަން ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.
އެއަށްފަހު މައްސަލަ ހޫނުވެ ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އަޑުގަދަކުރައްވައި ކަށީގަނޑާއި ދުންމާރި ފުންމަވަމުން، ރިޔާސަތުގެ މޭޒު ކުރިމަތީގައި އެތުރި ތިބެ އަޑުގަދަކޮށްފައެވެ.