އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެން ކަށިގަނޑު ނުފުންމަވާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގަށް އަންގަވައިފިއެވެ.
އަަދަބެއްގެ ގޮތުން، "ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން" މިހެން 100 ފަހަރު ލިޔަން މަޖިލިސް ރައީސް ތޯރިގަށް އެންގެވީ، ތޯރިގު ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގައި ތަކުރާރުކޮށް ކަށިގަނޑު ފުންމެވުމުންނެވެ.
މަޖިލިސް ތަޅުމުގައި މިއަދު އިދިކޮޅު މެންބަރުން ވަނީ އަދުގަދަކުރައްވައި ކަށި ކަނޑާއި ދުންމާރި ފުންމަވައި އިހުތިޖާޖު ކުރައްވައިފަ އެވެ.
އެ މެންބަރުން އިހުތިޖާޖު ކުރެއްވީ ރިޔާސަތުގެ ކުރިމަތީގައި އެތުރި ތިއްބަވައިގެންނެވެ.
"އަޅުގަނޑު މަހިނބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު 100 ފަހަރު، "ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން" އެގޮތަށް މިދެންނެވި ޖުމުލަ 100 ފަހަރު ލިޔުއްވުމަށް މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް ދަންނަވަން" އިހުތިޖާޖުގެ ތެރެއިން ތޯރިގަށް އަދަބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް ރައީސް ތޯރިގަށް އެހެން އެންގެވުމުން އިހުތިޖާޖު ކޮންމެވެސް ވަރަކަށް މަޑު ޖެހުނު ނަމަވެސް ދެތިން ފަހަރަކު ކަށިގަނޑު ފުމޭއަޑު އިވުނެވެ.
މިއަދު މަޖިލިސް ތަޅުން ހޫނުވީ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އިސްގާޒީ އަހްމަދު ހައިލަމް ޕޯސްޓް ކުރެއްވި ކަމަށް ބުނާ ފޮޓޯއެއްގެ މައްސަލައިގައެވެ.