އެމްއެމްޕީއާރްސީގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފުލުހުން ޗިޓު ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ރައީސް ޔާމީނަށް ޗިޓު ފޮނުވާފައި ވާނެ ކަމަށެވެ. އެއީ ކޮން ދުވަހެއްގެ ކޮން ގަޑިޔަކަށްތޯ މީޑިއާތަކުން ސުވާލު ކުރުމުން ފުލުހުން ބުނީ އިތުރު އެއްވެސް މައުލޫމާތެއް މި ވަގުތު ދެވެން ނެތް ކަމަށެވެ.
އެހެން ނަމަވެސް "ވަން" އަށް ކަށަވަރު ވެފައިވާ ގޮތުގައި ރައީސް ޔާމީނަށް ޗިޓު ފޮނުވާފައި ވަނީ މިއަދު މެންދުރު ފަހު 2:00 އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށެވެ.
ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް މި މައްސަލައިގައި ހާޒިރުވެވަޑައިގަތުމަށް ޗިޓު ފޮނުއްވާފައިވާ އިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް މިހާރުވެސް ކުރިޔަށް އެބަދެއެވެ. ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ އެ މައްސަލައިގައިގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުން ވެސް ވަނީ މާދަމާއަށް އެޖެންޑާ ކޮށްފަ އެވެ.
މިހާތަނަށް ކުރި ތަހުގީގު ތަކުން އެނގޭ ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ޖުމުލަ އަގު ވަނީ 1.5 ބިލިއަނަށް އަރައިފަ އެވެ.