ކުއްލިއަކަށް އޭނާގެ ލޯމައްޗަށް އަނދިރިވެ ކުދިކުދިވެފައިވާ ބިއްލޫރިތަކުގެ މައްޗަށް އަރިއަޅާލައިގެން ވެއްޓުނެވެ. މަގޭ ދަރި އޭ ބުނެ އިނާޝާ ރޮއެގަތްއިރު ނާހިދްގެ ހަށިގަނޑުގެ އެތަން މިތަނަށް ބިއްލޫރިކޮޅުތައް ވަދެ ނިމިއްޖެއެވެ.
ތިން ދުވަސްފަހުން އޮތް ނަތާޝާގެ ކައިވެންޏަށްޓަކައި އަޒްކާ މީހަކު އަތަށް ފަހަން ދިން ހެދުން ބަލާ ދިޔަ ވަގުތެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލީ އެތަން ބަންދުކޮށްފާނެކަމަށް ހީކޮށްފައެވެ. އެއަށްފަހު އޭނާ މަގު ހުރަސްކޮށް އަނެއްފަރާތަށް އެރި ވަގުތު ބާރު ސްޕީޑުގައި ދިޔަ އެމްބިއުލާންސެއް ފެނުނެވެ. އޭނާ މޭގައި އަތް އަޅައިލަމުން އޭގައި އޮތް ބަލިމީހާއަށް ހިތުން ދުޢާކޮށްލިއެވެ. އެމްބިއުލާންސެއްގެ އަޑު އިވުނިއްޔާ އޭނާ ކޮންމެ ތަނެއްގައި ހުރިނަމަވެސް ބަލީމީހާއަށް ހެޔުދުޢާ ކޮށްލައެވެ. އޭނާއަށް ނުފެނުނީ އޭގެ ފަހަތުން ސައިކަލުގައި ބާރު ސްޕީޑުގައި ދިޔަ މޯހަންދާސްއެވެ. އޭނާ ދެވަނަ ފަހަރަށް ގަޑި ބަލައިލިއިރު ގަޑިން ރޭގަނޑު ދިހައެއްޖަހަން ފަސްމިނިޓެވެ. އެހެންކަމުން ހިނގުން ކުރިއަށް ވުރެ ބާރުކޮށްލިއެވެ.
އޭޑީކޭގެ އެމެޖެންސީ ރޫމުގައި ނާހިދަށް ފަރުވާދެމުން ދިޔައިރު އިނާޝާއާއި މޯހަންދާސް ބޭރުގައި ތިއްބެވެ. އިނާޝާގެ ދެލޮލުން އެންމެ ހިނދުކޮޅަކަށްވެސް ކަރުނަ ނުހިކެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައި ހިތާހިތުން ހެޔުދުޢާ ކުރަމުން ދިޔައިރު މޯހަންދާސްވެސް ހުރީ އެ ހާލަތުގައެވެ. ދެމަފިރިންގެ ހިތް ވަނީ އަވަސްވެފައެވެ.
މާގިނަ އިރެއް ނުވަނީސް ޑޮކްޓަރަކާ ނަރުހެއް މޯހަންދާސްއާއި އިނާޝާ ބައްދަލުކުރިއެވެ.
"ޕޭޝަންޓުގެ ހާލު ގޯހެއްނޫން. ދައްތަމެން ކަންބޮޑުނުވޭ. ނާހިދަކީ އަޅުގަނޑުގެ އެކުވެރިއެއް. އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ގޭތެރޭގައި ދިމާވިތޯ. އަޅުގަނޑު މިހެން މި ދެންނެވީ މީގެ ކުޑައިރުކޮޅެއް ކުރިން އަޅުގަނޑާއެކު ނާހިދް ކޮފީއެއްގަ އިނީމަ" ޑޮކްޓަރ ނިރާޝް އިނާޝާ އާއި މޯހަންދާސްއާ މުހާތަބްކޮށް ވާހަކަދެއްކިއެވެ. ނިރާޝްގެ ވާހަކަދެއްކުމުގައި ވަނީ ގާތްކަމެވެ.
"ކުޑަކަމެއް ގޭތެރޭގައި ހިނގައިފި. ނާހިދް ވަރަށް ރުޅިއައިއްސަ ހުރީ. ގޭތެރޭގަ އެއްޗިއްސަށް ގެއްލުންވެސް ދިން. އަދި ދުވަހަކުވެސް މިހާ ވަރަށް ރުޅިއެއްނާދޭ" ވާހަކަދެއްކީ މޯހަންދާސްއެވެ.
"ބޮަޑަށް ލަފާކުރެވެނީ އެ ރުޅިގަނޑު ކޮންޓްރޯލްކުރަން އޭނާ ބޮޑީ ރިފިއުސް ކުރީހެން. ވަރަށް ބޮޑަށް ބްލަޑް ޕްރެޝަރ ހައި ވެފަ ހުރީ. އެހެންވެ ފެއިންޓް އެވީ. ބުރަކައްޓާ ފަޔާ އަތަށް ވަރަށް ބައިވަރު ބިއްލޫރިކޮޅުކޮޅު ވަދެފަ އެބަހުރި. ބައެއް ތަންތަނުން ލޭވެސް އެބައާދޭ. ކަނާއަތް ވަނީ ވަރަށް ފުންކޮށް ޒަޙަމްވެފައި. އެކަމަކު ހެވީ ބްލީޑެއްނެތް" ނިރާޝް ވާހަކަދެއްކިއެވެ.
އެދެމަފިރިންނަށް ނިރާޝް މީގެކުރިން ފެނިފައިވިޔަސް ވަގުތުގެ ނާޒުކުކަމުން ވާހަކަ ނުދެއްކުނެވެ. އެއަށްވުރެ ބޮޑަށް އެދެމަފިރިން ތިބީ ހާސްވެފައެވެ.
"ސައުވިސްގަޑީރު އޮބްޒަރވެޝަނުގަ ބާއްވާލަން ފެންނަނީ. ވަދެފަ ހުރި ބިއްލޫރިކޮޅުތައްވެސް މިހާރު ނަގަމުން އެދަނީ. ނާހިދް މިހާރު އެ އޮތީ ނިދާފައި. ދައްތަމެން ވަދެ ބަލައިލިޔަސް މައްސަލައެއްނެތް" ނިރާޝް ވާހަކަދެއްކިއެވެ.
އިނާޝާއާއި މޯހަންދާސް ހެއްދެވި ފަރާތަށް ޙަމްދުކުރިއެވެ.
މޯހަންދާސްއާއި އިނާޝާގެ އެދުމުގެ މަތިން ނާހިދް ރޫމަކަށް ބަދަލުކުރެވުނެވެ. ޑިއުޓީ ނިމުމާއި ހަމައަށް އިރުކޮޅަކާ ކަހަލަ ގޮތަކަށް ނިރާޝް އެކޮޓަރިއަށް އަންނަމުން ދިޔައެވެ.
ދަންވަރުގެ ހަމަހިމޭންވަގުތު ނިރާޝް ނާހިދް އޮރް ރޫމަށް ވަންއިރު ވަކިން ހުރި އެނދުގައި އިން މޯހަންދާސްއަށް އިނީ ނިދި ޖެހިފައެވެ. ނާހިދް ކައިރީގައި ގޮނޑީގައި އިން އިނާޝާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އޭނާގެ ދަރިފުޅުގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ލުޔެއް ނުލިބެނީސް އޭނާގެ ދެލޮލަށް ނިންޖެއް ނާންނާނެއެވެ.
"ދައްތަ ކުޑަކޮށް ނިދާލަންވީނުން. ނަރުހުން އިރުކޮޅަކާ ވަދެ ޕެޝަންޓްގެ ހުރިހާ ކަމެއް ބަލާނެ. ލަފާކުރެވޭ ގޮތުގައި ނާހިދަށް ހަމަހޭވެރިކަމެއް ވާނީ ހެނދުނު. އިންޖެކްޝަންގެ ބާރު އެހާއިރަށް ދެމިގެންދާނެ" ނިރާޝް ވާހަކަދެއްކިއެވެ. އިނާޝާ ބޯ ދެފަރާތަށް ތަޅުވާލަމުން އެކަމަށް ދެކޮޅު ހެދިއެވެ. އޭނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތި ނިދާނީ ކިހިނެއް ހެއްޔެވެ؟
ދުރުގައި ނާހިދްގެ ފައިލް ޗެކް ކުރަން ހުރި ނިރާޝް އިރުކޮޅަކާ ނާހިދްގެ މޫނަށް ބަލައިލައެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ޒަޙަމެއްނެތެވެ. ބަދަލެއް އައިސްފައިވާކަމުގެ އެއްވެސް އަސަރެއް އެ މޫނުމަތީގައި ނުވެއެވެ. އަރާމު ނިދީގައި ނިދާލައިފައި އޮތްއިރު އެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. ނަމަވެސް އެ ހަށިގަނޑުގައިވާ ޒަޙަމްތައް ހުރީ ފުންކޮށެވެ. ނަމަވެސް ނާހިދަށް އެވީ ކިހިނެއް ހެއްޔެވެ؟ ޔަގީނުންވެސް ބޮޑު ކަންތައްގަނޑެއް ހިނގައިފިއެވެ. ނާހިދްގެ އަނބިމީހާ ކޮބާ ހެއްޔެވެ؟ އެހާލުގައި ނާހިދް އޮތް އިރު އަނބިމީހާ ނުހުންނާނީ ޔަގީނުންވެސް ކުޑަކަމެއް ވެގެނެއްނޫނެވެ. އަޒްކާއަށް މި ހަބަރު ދޭންވީ ހެއްޔެވެ؟ ނޫނެކެވެ. ހެނދުނު ޑިއުޓީ ނިންމާފައި އަޒްކާ އާ ބައްދަލުކޮށްފައި ބުނާނީއެވެ. އެހެންނޫނީ އަޒްކާގެ ނިދި ޚަރާބުވެދާނެއެވެ.
ނާހިދް ހޭ އެރުމުން އިނާޝާ ގެއަށް އައީ ތާޒާވެލުމަށާ ނަމާދުކޮށް ހެދުމަށެވެ. ގެއަށް ވަނުމާއެކު ފުރަތަމަވެސް އޭނާއަށް ފެނުނީ ކަންބޮޑުވެފައި ސޯފާގައި އިން މީކާއެވެ. ނާހިދާ ބެހޭ ހަބަރު އޮޅުންފިލުވަން މީކާ ބޭނުންވާތީ އިނާޝާ ނާހިދް ރަނގަޅުކަމުގައި ބުނެލިއެވެ.
"ކޮބާ ނައިޝީ...؟" އިނާޝާ އަހައިލިއެވެ.
"ކޮޓަރީގަ ތަޅުލައިގެން" މީކާ ޖަވާބުދިނެވެ.
"ވަރަށް އަވަހަށް ނާހިދަށް ތަރުކާރީ ސޫޕެއް ހަދާލަބަލަ. މިއަންނަނީ ފެންވަރައިގެން. އެހާ ކުޅި ނުކުރައްޗެ އިނގޭ" އިނާޝާ އެދުނެވެ. މީކާ ވަގުތުން އެކަމާ އުޅުނެވެ.
ލަންޗް ބްރޭކް ލިބުމާއެކު އަޒްކާ އޮފީހުން ބޭރަށް ނިކުތެވެ. އޭނާ ދަބަސް ހިފާލައިގެން އޮފީސް ބޭރުގައި ހުރީ ނިރާޝް މި އަންނަނީއޭ ބުނުމުންނެވެ. މުހިންމު ވާހަކައެއް ދައްކަން ނިރާޝް އުޅޭހެން ހީވުމުން އެކުގައި ލަންޗަށް ދާން ނިރާޝްއަށް ދަޢުވަތު ދިނީ ކުރިން އޭނައެވެ. އެހެންޏާ އޭނާ މެންދުރުގެ ކެއުން ނަގަންދާން ބޭނުންވަނީ ގެއަށެވެ. ސައިކަލުގައި ނިރާޝް ކައިރިކޮށްލީ އަޒްކާ ބޭރުގައި ހުރިތާ އިރުތަކެއް ފަހުންނެވެ.
"ސޮރީ. ޑިއުޓީ ނިންމާލާފައި އައިސް ނިދުނީ ވަރަށް ލަހުން. އެހެންވެ ބުނި ގަޑިއަށް ނާދެވުނީ. ހިނގާ ދާން" އަޒްކާ ސައިކަލަށް އެރުމުން ނިރާޝް ދުއްވައިލިއެވެ.
ނިރާޝް އާ އަޒްކާ ވަނީ ރެސްޓޯރަންޓަކަށެވެ. އޭސީކޮށްފައިވާ ބައިގެ ތެރެއިން ހުސްކޮށް ހުރި މޭޒެއްގައި އިށިންނަމުން އަޒްކާ ނިރާޝްއަށް ބަލައިލިއެވެ.
"ވަރަށް ހޫނުގަދަ ދޯ...." ވެއިޓަރ ގެނެސް ބެހެއްޓި ފިނިފެން ފުޅިން ދެ ތައްޓަށް ފެން އަޅަމުން އަޒްކާ ބުނެލިއެވެ.
"ކޯޗެއް ކާނީ" ނިރާޝް އަހައިލިއެވެ.
"އޯކޭވާނެ ކްލަބް ސޭންޑްވިޗެއް. ދެން ޗޮކްލެޓް މިލްކްޝޭކެއް" އަޒްކާ ބުނެލިއެވެ.
ބޭނުންވާ އެއްޗެހި އޯޑަރ ދިނުމަށްފަހު ނިރާޝް ވަރަށް ފުން ނަޒަރަކުން ކުރިމަތީގައި އިން އަޒްކާއަށް ބަލައިލިއެވެ. އަޒްކާ އިނީ ފޯނާއި ކުޅޭށެވެ.
"ކީއްތިކުރަނީ ފޯނުން؟" ނިރާޝް އަހައިލިއެވެ.
"ނާހިދްގެ މަންމަ ރޭގަ ހަތަރެއް ޖަހަން އުޅެނިކޮށް އެބައިން ގުޅާފަ. ހިތަށް އަރަނީ އެގަޑީގަ ކިއްވެގެންބާއޭ ގުޅީ... ކޯލް ބެކް ކުރީމަ އާންސަރއެއް ނުކުރޭ" އަޒްކާ ބުނެލިއެވެ.
"ވެދާނެއްނު ބޮޑުކަމެއްވީ ކަމަށްވެސް" ނިރާޝް ބުނެލިއެވެ.
"ދެން... ބިރުނުގަންނުވަބަލަ. ﷲ އިރާދަކުރެއްވިއްޔާ އެ އާއިލާ އެއްވެސް މީހަކަށް ދެރަގޮތެއްނުވާނެ" އަޒްކާ ބުނެލިއެވެ.
"އިނގޭތަ! ރޭގަ ނާހިދާ ބައްދަލުކުރިން" ނިރާޝް ބުނެލިއެވެ. މޭޒުގެ އެއްފަރާތުގައި ފޯނު ބާއްވައިލަމުން އަޒްކާ ނިރާޝްއަށް ބަލައިލިއެވެ.
"ކިޑެއްގެ ވާހަކަދެއްކީމަ ބުނަނީ ވައިފް ހިއެއްނުވެއޯ ރެޑީ ހެނެއް. ނާހިދް ހެޕީއެއް ނޫން ކަންނޭނގެ. ހީވަނީ ދެމީހުން މެޗު ނުވާހެން" ނިރާޝް ވާހަކަދެއްކިއެވެ.
"ތިއެއްނޫނޭ. ކުރިން ދުވަހަކުން އެގެއަށް މަންމަމެން ގޮވައިގެން ދިޔަ ދިޔަ ދުވަހަކު މަށަށް ނާހިދްގެ ވައިފް ފެނުނީ. އޭގެކުރިން އަހަރެން ދުށިން އެހެން ފިރިހެނަކާއެކު އޭނަ. އެއީ އަހަރެންގެ އެކްސް. އައިޒާގެ ބައްޕަ. ހިތަށް އަރަނީ އެފިރިހެނާ އާ ނާހިދްގެ ވައިފް ކޮން ގުޅުމެއްބާއޭ. އިނގޭތަ އެދުވަހު އޭނަ މާހިލް ޑިފެންޑްކުރީ... ސަމްތިންގް އިޒް ފިޝީ..." އަޒްކާ ވާހަކަދެއްކިއެވެ.
"އަޒް މި ހުރިހާ އެއްޗެހި ކައި ހުސްކުރީމަ ވަރަށް މުހިންމު ވާހަކައެއް ބުނާނަން ނާހިދް ގެ. އެންމެ ފުރަތަމަ ދެމީހުން ކާނީ" ނިރާޝް ބުނެލިއެވެ. އަޒްކާ ނިރާޝްއަށް ފާޑަކަށް ބަލައިލުމަށްފަހު ކެއުމައިގެން ކުރިއަށް ދިޔައެވެ.
ކަމުން ދިޔައިރުވެސް އިރުކޮޅަކާ ނިރާޝް އަޒްކާގެ މޫނަށް ބަލައިލައެވެ. އޭނާ އެވާހަކަ ކުރިން ނުބުނީ އެވާހަކަ ބުނުމާއެކު އޭނާ ކާއެއްޗެހި ދޫކޮށްލާފައި ދާން އުޅެދާނެތީއެވެ. އޭރުން ބަނޑުހައިހޫނު ކަމުގައި އަޒްކާ ހުރެދާނެތީއެވެ. އަޒްކާ އަކީ އޭނާގެ ހިތުގައި އުފެދުނު އަލަތު ލޯތްބެވެ. ދުވަހަކުވެސް އެ ލޯބި އޭނާއަށް ލިބުން ނެތްއިރު ލޯމަތީގައި ސަލާމަތުން ފެންނަން ހުރުންވެސް އެއީ ވަރަށް ބޮޑު ވަރެކެވެ.
"މި ނިމުނީ... ކިހިނެއްވީ ނާހިދަށް...؟" އަޒްކާ އަހައިލިއެވެ.
"ނާހިދް އެބައޮތް އޭޑީކޭގަ އެޑްމިޓްކޮށްފަ. ފެއިންޓްވެގެން ރޭގަ ގެނައީ. މުޅި ހަށިގަނޑަށް ހުރީ ބިއްލޫރިކޮޅުތަކެއް ވަދެފަ. އިނާއްތަ އާ މޯހަންބެ ތިބީ ވަރަށް ޓެންޝަންގަ" ނިރާޝް ވާހަކަދެއްކިއެވެ.
އަޒްކާއަށް ހީވީ ފައި ދަށުން ބިންގަނޑު ކެހިގެން ދިޔަ ހެންނެވެ. އޭނާ ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. އިހްތިޔާރަކާނުލާ ދެލޮލަށް ކަރުނަޖަމާވިއެވެ.
"ޑޯންޓް ކްރައި... މީހުން ބަލާނެ... ހިނގާ ދާން" އަޒްކާގެ އަތް މަތީގައި އަތް ބާއްވައިލަމުން ނިރާޝް ބުނެލިއެވެ.
"ވެއިޓް... ވަރަށް ސީރިޔަސްތަ؟ ހޭއަރާފަތަ އޮތީ؟ ވާހަކަދައްކައިތަ؟ އައިސީޔޫގަތަ؟ ވެންޓިލޭޓަރގަތަ؟" ހުރިހާ ސުވާލެއް އެއްފައްޗަކަށް އަމުނާލިއެވެ.
"ހީޒް ފައިން. ރުޅި ކޮންޓްރޯލް ނުވެގެން ގޮސް ޕްރެޝަރ ހައިވީ. ފެއިންޓްވި ވަގުތު ވެއްޓި ބިއްލޫރިކޮޅުތައް ވަނީ" ނިރާޝް އޮޅުންފިލުވައިދިނެވެ.
"ހިނގާ ދާން. އޮފީހަށްތަ ނޫނީ ހޮސްޕިޓަލަށްތަ؟" ބިލް ދައްކާފައި ނިކުންނަމުން ނިރާޝް އަހައިލިއެވެ.
"އޮފީހަށްދާނީ. މިނިސްޓަރ ހަވާލުކުރި މަސައްކަތެއް ކުރަން އިނދެފަ މިއައީ. އަހަރެން އޭތި ނިންމާފައި ނިކުންނާނަން. އެކަމު ހިތަށް އަރަނީ އަހަރެން ފެނުނީމަ ނާހިދްގެ އަންހެނުން ކީކޭބާއޭ ހިތަށް އަރާނީ" އަޒްކާ ބުނެލިއެވެ.
"ދާންވީމަ ގުޅާ އިނގޭ... ދާނަން ޑްރޮޕްކޮށްލަދޭން" ނިރާޝް ބުނެލިއެވެ. އަޒްކާ ބޯޖަހައިލިއެވެ.
މޭޒު މަތީގައި ހަދާފައި ހުރި ކާއެއްޗެހިތަކަށް ބަލަހައްޓައިގެން އިމްރާން އިނެވެ. އީވް ދެއްކި ވާހަކަތަކުން އިމްރާން އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އަނެއްކާވެސް ފޯނު ނަގާފައި އޭނާ ނާހިދްގެ ނަންބަރަށް ގުޅައިލިއެވެ.
"ފޯނު ރިންގުވޭ. ނުއެއްނަގާ... އޭރުވެސް އަހަރެން ހިތަށް އެރި އަޒްކާގެ މަޅީގަ ޖެހިގެން އޭނަ އެކަހަލަ ބޯގޯހެއް ހަދާފާނޭ" ހަގީގަތް ނޭނގިހުރެ އިމްރާން ވާހަކަދެއްކިއެވެ.
"އިޝީ ވަރަށް ރުއި. ގުޅާލާފައި ހަމައެކަނި ބުނެލީ ނާހިދް އޭނަ ދޫކޮށްލި ވާހަކަ. އިތުރަށް އަދި ނޭނގޭ. އިންމަ ޑިއުޓީ ނިންމާލާފަ ދޭބަލަ ވީގޮތެއް ބަލައިލަން" އީވް ވާހަކަދެއްކިއެވެ. އިމްރާން ބޯޖަހައިލަމުން ކާން ފެށިއެވެ.
ރާއިދުގެ ސައިކަލު ފަހަތުގައި އިން ނަތާޝާ އިނީ އަޒްކާ ގުޅާފައި ދިން ހަބަރަކުން އަވަހަށް އަޒްކާ ކައިރިއަށް ދާން ބޭނުންވެފައެވެ. އެކުވެރިޔާ އޭނާގެ އެހީތެރިކަމަށް އެދޭ ކޮންމެ ގަޑިއަކު ކައިރީިގައި ހުންނަން އޭނާ ބޭނުންވެއެވެ. ރާއިދު އާ އެކީގައި އޭނާ އެދަނީ ކާޑު ނުޝައިބާގެ ދެބެންގެދެދަރި ބޮޑުދައިތަމެން ގެއަށް ލާށެވެ.
"އޭރުވެސް ނަތާ ކައިރީގައި ބުނިން މަޑުކޮށްލާށޭ... ގެންގޮސްދޭންވީ ދޯ އަޒް ކައިރިއަށް" ރާއިދު ބުނެލިއެވެ.
"އަސްލު ކިހިނެއްވީ؟" ރާއިދު އަހައިލިއެވެ.
"ރާދުގެ ނާހިދްބެ އެޑްމިޓް ކުރީ އޯ. ވީގޮތެއްނޭނގެ" ނަތާޝާ ބުނެލިއެވެ.
"އަޒް އާ ނާހިދްބެ ކަމެއްތަ އަނެއްކާ؟" ރާއިދު އަހައިލިއެވެ.
"ރައްޓިއްސެއްނުވޭ. އެކަމަކު އަޒް ވަރަށް ލޯބިވާނެ" ނަތާޝާ އެއަށްވުރެ އިތުރަށް ނުބުންޏެވެ.
"ތިހެން ބުނީމަ މި ހަނދާންވީ. ދެންމެގަ ދޮންބެމެން ކާންތިބެ ތިވާހަކަ ދޯ އެދެއްކީ" ރާއިދު ބުނެލިއެވެ.
"ނޭނގުނު. ކޮން ވާހަކައެއް؟" ނަތާޝާ އަހައިލިއެވެ.
"ބުނީ ނާހިދްބެ ވައިފް ގުޅާފައި ދޮންބެދައްތަ ކައިރިގަ ބުންޏޯ ޑިވޯސްކޮށްލި ވާހަކަ" ރާއިދު ބުނެލިއެވެ.
"ވަޓް...؟؟؟ އަސްލުތަ...؟" ނަތާޝާ ބުނެލިއެވެ. އޭނާ ސިހުމެއް ލިބިއްޖެއެވެ. އެކަން އަޒްކާ އިނގޭ ހެއްޔެވެ؟. އަނެއްކާ އެއީ ހަގީގަތެއްބާއެވެ؟
އަޒްކާ ހޮސްޕިޓަލަށް ވަދެގެން އައީ ފޯނުން ވާހަކަދައްކަމުންނެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ މޯހަންދާސްއާއެވެ. ނާހިދް އޮތް ރޫމް އޮޅުންފިލުވަމުންނެވެ. ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އެރި އިމްރާން ފެނިފައި އޭނާއަށް ފޯނު ތިރިކޮށްލެވުނެވެ.
"އިން...އިންމަ..." ހީލާފައި އަޒްކާ ގޮވައިލިއެވެ. ނަމަވެސް އިމްރާން ވާހަކަނުދެއްކިއެވެ. އޭނާ ކުރިއަށް ހިނގައިގަތެވެ. އެކުވެރިޔާގެ މުޅި ދިރިއުޅުން ބަރުބާދު އެވީ އަޒްކާގެ ސަބަބުންނެވެ. ހަމަޖެހިގެން އުޅޭ ދެމަފިރިއެއްގެ ދެމެދަށް ވަންނާނީ ޝައިތާނެކެވެ. އަޒްކާ އަކީ ހަމަ ޝައިތާނެކެވެ. ނާހިދް އޮތް ކޮޓަރި އާ ދިމާލަށް ދިޔަ އިމްރާން ހިތާހިތުން އަޒްކާއަށް އަޑުލަމުން ދިޔައެވެ.
އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު އެތެރޭގައި އިން އިނާޝާއާއި ނާހިދަށް އެކީގައި ދޮރާ ދިމާލަށް ބަލައިލެވުނެވެ. ހިތްހަމަނުޖެހިފައި ހުރި އިމްރާން ފެނުމުން ނާހިދް ނަޒަރު ބަދަލުކޮށްލިއެވެ.
"ހަމަ ރަނގަޅުވަގުތެއްގަ އިންމަ ތިއައީ. އިނާއްތަ ބޭސް ނަގައިގެން އަންނަންދެން މިތާ މަޑުކޮށްލަބަލަ" އިނާޝާ އެދުނެވެ.
"ގެނޭ އަޅުގަނޑު ބޭސްނަގައިފާނަން" އިމްރާން ބުނެލިއެވެ.
"ނޫނޭ.. މިތާ ކައިރި ފިހާރައަކަށް އެއްޗެއް ގަންނާށާ އެއްކޮށް. ވަރަށް އަވަސްވާނެ. އިންމަ ތިއައީ ނާހިދު ކައިރިއަކަށްނު" ނާހިދަށް ކާންދޭން އިން ފުރުޓް ތަށި ފުރިޖަށް ލަމުން އިނާޝާ ބުނެލިއެވެ.
އިނާޝާ ދިޔުމުން އިމްރާން ގޮނޑީގައި އިށީނެވެ. އޭނާ ނާހިދަށް ބަލަމުން ދިޔައެވެ. ނާހިދް އިސްޖަހައިލައިގެން އިނެވެ. ނާހިދްގެ ހަށިގަނޑުގެ މަތިން އެއްވެސް ފޭރާމެއް ނެތްއިރު ހުދު ކުލައިގެ ބެޑްޝީޓުން އިނީ މެއާއި ހަމައަށް އަޅާލައިގެންނެވެ.
"މިހާރު ކިހިނެއްތަ؟" އިމްރާން އަހައިލިއެވެ.
"ރަނގަޅު. މިހެން އިންނައިރަކު ތަދެއްނުވޭ. އެކަމު ޓަޗް ކުރީމަ ތަދުވޭ" ނާހިދް ބުނެލިއެވެ.
"އަހަރެން ހިއެއް ނުކުރަން ނާޑު ތިހާ ކަޓުކަމެއް ކޮށްފާނެކަމަކަށް" އިމްރާން ބުނެލިއެވެ.
"އަހަރެން ކަޓުކަމެއް ނުކުރަން. އަހަރެން ކަންތައްކުރީ އަހަރެން މިހުރި ދަރަޖައިގެ އިންމަ ހުރިނަމަ އިންމަވެސް ކަންތައްކުރާނެ ގޮތަށް" ނާހިދް ބުނެލިއެވެ.
"ޔަގީނުންވެސް ވިސްނާނުލާ އަހަރެން އީވް ވަރިކޮށް ބިކަކޮށްނުލާނަން" އިމްރާން ބުނެލިއެވެ.
"އިންމަ ތިއައީ މިތަނަށް ނައިޝީގެ ވާހަކަ ދައްކަން ކަމަށް ވަންޏާ އަހަރެންނަށް ރަނގަޅީ މިތަނަށް ނައިއްޔާ. އޭނަގެ ވާހަކަދައްކައިގެން އަހަރެން ބީޕީ މައްޗަށް ދުއްވާލަން އުޅޭނެކަމެއްނެތް" ނާހިދަށް ބުނެވުނީ ހިތްހަމަނުޖެހިފައެވެ.
"އަހަރެން ތިކަމުގައި ނާހިދަށް ސަޕޯޓެއްނުދޭނަން. އަހަރެެން އެއްބައިވާނީ އެ ނިކަމެތި އަންހެންކުއްޖާ އާ" އިމްރާން ތެދުވެގެން ހިގައިގަތެވެ.
"އިންމަ...!! އިންމަ ތި ހީކުރާކަހަލަ ކަމެއް ނޫންވީ.." ނިކުމެގެން ދިޔަ އިމްރާނަށް އެ އަޑު އިވުނެވެ. ނަމަވެސް އޭނާ ބަހެއް ނުކިޔާ ނިކުމެގެން ދިޔައީއެވެ.
އިމްރާން ނިކުންނަންދެން ތަނބެއްގެ ނިވަލުގައި ހުރެފައި އަޒްކާ ބާރު ހިނގުމުގައި އައިސް ހުޅުވާލާފައި ހުރި ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭނާ މަޑުމަޑުން ދޮރު ލައްޕާލިއިރު އެނދުގައި އޮށޯވެގެން ނާހިދް އޮތެވެ. އޭނާގެ ދެލޯ މެރިފައިވާއިރު ދެ ކަންފަތަށް އޮތީ ހެޑްސެޓް ޖަހާލައިފައެވެ. ނާހިދްގެ މޫނު ފެނުމާއެކު އަޒްކާގެ ހިތް އުފަލުން ފުރުނު ކަހަލައެވެ. ގައިމަތީގައި ބެޑްޝިޓް އޮތް އިރު ކޮންމެވެސް ވަރަކަށް ލޭ ފާޅުވާން ހުއްޓެވެ. އަތުގައި ހުރި ޒަޙަމްތައްވެސް ހުރީ ފެންނާށެވެ.
ނޭފަތުގައި އައިސް ޖެހުނު ވަހާއެކު ނާހިދް ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ. އޭރު އަޒްކާ އޭނާއާ ގާތަށް ހިނގާފައި އަންނަނީއެވެ. ނާހިދަށް އިނދެވުނީ ބަހެއްނުކިޔާ ބަލަހައްޓައިގެންނެވެ.
"ކިހިނެއްތަ؟" ނާހިދްގެ އެނދު ކައިރީގައި ހުއްޓިލުމަށްފަހު އަޒްކާ އަހައިލިއެވެ.
"މިހިރީ ފެންނާކަށްނު" ނާހިދް ބުނެލިއެވެ.
"ވަރަށް ތަދުވޭތަ...؟" ނާހިދްގެ އަތުގައި ހުރި ޒަޙަމްތަކުގައި އަތް ހިންގައިލަމުން އަޒްކާ އަހައިލިއެވެ.
"އަޒްގެ މޫނު ފެނުމާއެކު ހުރިހާ ތަދެއް ފިލައިފި" ނާހިދް ބުނެލިއެވެ. އަޒްކާއަށް ހެވުނެވެ.
"އެކަނިތަ؟ މަންމަ ނާދޭތަ؟ އަހަރެން ހީކުރީ މިތާ ހުންނާނެކަމަށް" އަޒްކާ ބުނެލިއެވެ.
"މަންމަ އަންނާނެ އިރުކޮޅަކުން" ނާހިދް ބުނެލިއެވެ.
ނައިޝީ އާ ބެހޭގޮތުން އޮޅުންފިލުވަން އަޒްކާ އުޅުނެވެ. ނަމަވެސް ފަސްޖެހުނެވެ. އެއީ އޭނާ ބެހެންވީ ކަންތަކެއް ނޫނޭ ހިތަށް އެރިއެވެ.
"އިންމަ ހުރީ އަހަރެންދެކެ ވަރަށް ރުޅިއައިއްސަ ކަންނޭނގެ. ވާހަކަދެއްކީމަ އަޅާވެސްނުލި." އަޒްކާ ބުނެލިއެވެ.
"އެހެން ރުޅިއަޔަސް ފަހުން ހަމަޖެހިފަ ހުންނާނީ" ނާހިދް ބުނެލިއެވެ.
ދެން ވޭތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އަޒްކާ އިސްޖަހާލައިގެން ފޯނާ ކުޅެން އިންއިރު ނާހިދްގެ ނަޒަރު ހުއްޓިފައިވަނީ އަޒްކާ މޫނަށެވެ.
"ނާހިދް ކީއްވެ އެވަރަށް ބަލަނީ. އަހަރެންގެ މޫނުން ކޯޗެއް ފެންނަނީ" އަޒްކާ އަހައިލިއެވެ.
"އަހަރެންގެ ހިތްހަމަޖެހުން" ނާހިދް ބުނެލިއެވެ.
"އަޒްގެ ހަޒްބެންޑް އެންޑް ބޭބީ ކިހިނެއްތަ؟" ނާހިދް އަހައިލިއެވެ. އަޒްކާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ކޮންމެފަދަ ގަޑިއެއްގަ ކޮންމެފަދަ އެއްޗެއްވެސް އަހާފާނޭ ހިތަށް އެރިއެވެ. ޖަވާބެއް ނުދެވިގެން އުޅެނިކޮށް އިނާޝާ އައިސް ވަނެވެ. އެތެރޭގައި އިން އަޒްކާ ފެނުމުން އިނާޝާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ގެނައި ބޭސްތައް ކަބަޑަށް ލުމަށްފަހު އަތުގައި ހުރި ފުރުޓްކޮތަޅު ކަބަޑުމަތީގައި ބެހެއްޓިއެވެ.
"ދަރިފުޅު ކޮންއިރަކު އައީ؟" އިނާޝާ އަހައިލިއެވެ.
"ކުޑައިރުކޮޅެއްވެއްޖެ. ކޮންއިރަކުންތަ ދެން ދޫކޮށްލަނީ؟" އަޒްކާ އަހައިލިއެވެ.
"ހީވަނީ މާދަމާހެން" އިނާޝާ ޖަވާބުދިނެވެ. އޭނާ ކުޑަ ވަޅިއަކުން އޮރެންޖެއްގެ ތޮށި މަށަމުން ދިޔައިރު ނާހިދް ދޭތެރެއަކުން އަޒްކާގެ މޫނަށް ކަޅިއެއް އެއްލައެވެ. ބައެއްފަހަރު ދެމީހުންގެ ކަޅި ބައްދަލުވުމާއެކު އެކަކު އަނެކަކަށް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލައެވެ.
ނާހިދްގެ އަންހެނުން ނުފެންނާތީ އެކަމާ ސުވާލުކުރަން އަޒްކާ ބޭނުންވިއެވެ. ނަމަވެސް ނުކެރުނެވެ. ދުލާއި ހަމައަށް އައިސްފައިވެސް އެތެރެއަށް ހިންދާލެވެނީއެވެ. އެހެންކަމުން އެއިން ކޮންމެފަހަރަކު އޭނާގެ ތުންފަތަށް ވެރިވަނީ ހިނިތުންވުމެކެވެ.
"މަންމަ ނިކުމެލަންދެން މަޑުކޮށްލައްޗެ އިނގޭ" ތުވާލި ހިފައިގެން ފާހާނާއަށް ވަންނަމުން އިނާޝާ ބުނެލިއެވެ. އަޒްކާ ބޯޖަހައިލިއެވެ.
"ކީއްވެ ވާ އަތުން ތިކަނީ" އަޒްކާ އަހައިލިއެވެ.
"މިއަތަށް ވަރަށް ބޮޑު ބިއްލޫރިގަނޑެއް ވަދެފަ އިނީ. މީނީނު... އަތް އުފުލާލީމަ ވަރަށް ތަދުވޭ. އެހެންނޫނަސް ކަނާއަތް ބޭނުންނުކުރެވޭ މީހުން ވާ އަތެއް ބޭނުންކުރާނީ" ހީލަމުން ނާހިދް ބުނެލިއެވެ. އޭނާ ފަހަރަކު އޮރެންޖްކޮޅެއް އަނގައަށް ލަމުން ހަފަމުން ދިޔައެވެ.
"ވާއަތް ބޭނުންކުރުމަކީ ގޯހެއް" އަޒްކާ ތެދުވެ ނާހިދް އަތުން ތަށި އަތުލާފައި އޭނާ އަތުން ލަވަމުން ދިޔައެވެ. ނާހިދް ބަލާކަން އިނގޭތި އޭނާ ހުރީ އޮރެންޖްތައްޓަށް ބަލަހައްޓައިގެންނެވެ. ނިރާޝް ދެއްކި ވާހަކަތައް ނާހިދުގެ ހަނދާނަށް އައީ ކުއްލިއަކަށެވެ.
"އަޒް ނިރާޝް ދަންނަނީ ކިހިނެއް؟" ނާހިދް އަހައިލިއެވެ.
"ނިރާޝް... އެއީ ނަތާ ނަގާފައި ދެން އެންމެގާތް އެކުވެރިޔަކީ" އަޒްކާ ބުނެލިއެވެ.
"ދިމާވީ ކިހިނެއް ކޮންތާކުން؟" ނާހިދް އަހައިލިއެވެ.
"ނިރާޝް ހުރި ރަށުން" އަޒްކާ ބުނެލިއެވެ.
"އެރަށަށް އަޒް ދިޔައީ ކީއްކުރަން. ކާކާ އެއްކޮށް؟" ނާހިދް އަހައިލިއެވެ.
"ވަރަށް ބޮޑަށް ބަލިވީމަ. ދިމާވި ކަންތަކުން އަރައިގަންނަން މީހަކު އެހީތެރިވީ. އެރަށުން ހަގީގީ މާމައާ ބައްޕަ އިނގުނީ" އަޒްކާ ވާހަކަދައްކަމުން ދިޔައެވެ.
"ނިރާޝް ބުނި ވަރަށް އެހެންކަހަލަ އެއްޗެއް. އަޒް އެއްވެސް ކަމެއް ސިއްރުކުރަންތަ؟ އައި މީން ބުނީ ވަރަށް ހިތްދަތި ދުވަސްތަކެއްގެ ވާހަކަ؟ ކިހިނެއްވީ؟ އަދިވެސް މާހިލް...." އެހިސާބަށް ބުނެފައި އޭނާ ހުއްޓައިލިއެވެ. މާހިލްގެ ނަން ކިޔަން އޭނާ ފޫހިވިއެވެ.
"އެއީ އަހަރެން ދަންނަ މީހެއްނޫން. އެއީ ހަނދާންކުރަން ބޭނުންވާ ދުވަސްތަކެއްވެސް ނޫން. ނާހިދް އަހަރެންނާ ބެހޭގޮތުން އިނގެން ބޭނުންވިއްޔާ އަމިއްލައަށް ހޯދާ. އެ ހަގީގަތް އިނގުމަށްފަހު ނާހިދް ބޭނުމިއްޔާ އަހަރެން ހޯދަންއާދޭ. އޭރުން އަހަރެން ދުނިޔޭގެ ހުރިހާކަމެއް ހަނދާން ނައްތާލާފައި ހަމައެކަނި ނާހިދްގެ މީހަކަށް ވާނަން. ފަހަރެއްގައި ނާހިދް ތި ހީކުރާ ގޮތަކީ މުޅިން ހަގީގަތަކަށް ނުވެ ހިނގައިދާނެ" އަޒްކާ ވާހަކަދެއްކިއެވެ.
"އަހަރ...އަހަރެން ކޮންކަމެއް އިނގެންވީ އަޒް އާ ބެހޭގޮތުން. މީހަކާ އިނދެގެން. ދަރިއަކު އެބަހުރި... އުޅެނީ އާއިލާ އާއެކު. ޒިންމާދާރު ވަޒީފާއެއްގަ. އިތުރަށް ކޮންކަމެއް؟" ނާހިދް ވާހަކަދެއްކިއެވެ.
"އަހަރެން ނާހިދަށް ފިލައިގެން ދިޔަ ސަބަބު. އަހަރެން ނާހިދަށް ލަނޑު ދިން ސަބަބު. އަހަރެން އެވަރުގެ ނިންމުމެއް ނިންމާނީ ކީއްވެތަ ނާހިދް" އަޒްކާ ވާހަކަދެއްކިއެވެ.
"އެ ސަބަބުވެސް އިނގޭ. އެއީ އަހަރެންދެކެ ކުޑަކޮށްވެސް އަޒްއަށް ލޯބިނުވެވޭތީ. އަދި ލައިކްވެސް ނުވާތީ. ގޯސްހެދުނީ އަހަރެންނަށް. މާބޮޑަށް ކަމަކަށް އެކްސްޕެކްޓް ކުރެވުނީ... ނޫންތަ؟" ނާހިދް އަހައިލިއެވެ.
"ނޫން. ތިއިން އެއްވެސް ކަމެއްވެގެނެއްނޫން. އަހަރެން ކަމެއް ސިއްރު އެބަކުރަން. އެހަގީގަތް އިނގުމަށްފަހު ފަހަރެއްގައި ނާހިދްގެ ހިޔާލު ބަދަލުވެސްވެދާނެ. އަހަރެންގެ ބިރުގަންނަނީ އެހެންވެ" އަޒްކާ ބުނެލިއެވެ. ނާހިދަށް ވިސްނަންވީ އެއްޗެއް ނޭނގުމުން އިރުކޮޅަކު ހިމޭނުންއިނެވެ. ނާހިދްގެ އެ ހިމޭންކަން އަޒްކާގެ ހިތަށް އުނދަގުކުރަމުން ދިޔައެވެ. އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަ ހިލި ރޮވިއްޖެއެވެ.
"އަޒް ރޮނީތަ...؟" އަޒްކާ ދެލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމުން ނާހިދް އަހައިލިއެވެ.
"އަހަރެން ދަނީ" އަޒްކާ އެނބުރުނީ ދޮރާއި ދިމާލަށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ނާހިދް އަތުގައި ހިފެހެއްޓުމުންނެވެ.
"ދޮގުނަހަދާ ތެދެއް ބުނެދީފާނަންތަ؟ އަޒްގެ ހަޒްބޭންޑް އަނިޔާކުރަނީތަ؟" ނާހިދް އަހައިލިއެވެ. އަޒްކާ ޖަވާބެއްނުދީ ނާހިދްގެ އަތް ފޮޅުވާލުމަށްފަހު ދުއްވައިގަތެވެ.
އަނެއް ދުވަހެވެ. ވަޒީފާ ނިންމާފައި އަޒްކާ ގެއަށް ދިޔަމަގުމަތީގައި މާހިލް ފެނުނެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު މާހިލް ފެނުމުން އަޒްކާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ހުދުކުލައިގެ ރޮނގުދެމި ގަމީހެއްގެ ދަށުން ކަޅު ކުލައިގެ ފަޓްލޫނެއްގައި ޑީސެންޓްކޮށް ހުއްޓާ އޭނާއަށް މާހިލް އެ ފެނުނީ ފުރަތަމަ ފަހަރަށެވެ. އިސްތަށިގަނޑުވެސް ތުނިކޮށް ކޮށާލާފައި ވާއިރު ލޮލުގައި އަވި އައިނެއްވެސް އިނެވެ.
"މަޑުކޮށްލަދީފާނަންތަ؟" އަޒްކާ ފެނުމުން ސައިކަލުގައި އައި މާހިލް އަޒްކާ އާ ހަމަކޮށްލަން ބުނެލިއެވެ.
"ބޭރުފުށުން ކަލެއަށް ކިތަންމެ ބަދަލެއް އައިސްފައި ހުއްޓަސް ކަލޭ ވާނީ ހަމަ ކަލެއަށް. ޔަގީން އަދިވެސް ތި ހަށިގަނޑުގެ ތެރޭގައި އުޅޭ ޝައިތާނާ މަރެއް ނުވާކަން" އަޒްކާގެ ރަހުމްކުޑަ ބަސްތަކުން މާހިލްގެ ހިތުގައި ރިއްސާލިއެވެ. އަޒްކާ ހިނގައިގަތުމުން ފަހަތުން މާހިލް ނުދިޔައެވެ. އޭނާ ސައިކަލު މަތީގައި އަޒްކާ ދެއްކި ވާހަތަކާ މެދު ވިސްނާލަން އިނުމަށްފަހު އަޒްކާގެ ފަހަތުން މަޑުމަޑުން ދުއްވަމުން ދިޔައެވެ. ބޭނުމަކަށްވީ އަޒްކާގެ އެޑްރެސް ބެލުމެވެ.
ނާހިދް ހޮސްޕިޓަލުން ދޫކޮށްލުމުގެ އެންމެފަހު ތައްޔާރީތައް ވަމުން ދިޔަ ވަގުތެވެ. ބޭނުންކުރި އެއްޗެހިތައް ކޮތަޅުތަކަށް އަޅާ ބަންދުކޮށްފައި ހުއްޓެވެ. ގެއިން ގެނައި ނާހިދްގެ ޓީޝާޓް މޯހަންދާސް ލެއްވިއެވެ. އޭރުވެސް ނާހިދް އިނީ ބަސްހުއްޓިފައެވެ. އޭނާގެ ސިކުނޑިއަށް އަޒްކާ ދެއްކި ވާހަކަތައް އުނދަގޫކުރަމުން އެބަދެއެވެ.
"ދަރިފުޅާ...!! ކޯޗެއް ވިސްނަނީ؟' ނާހިދް އިންގޮތުން އޭނަގެ އިސްތަށިގަނޑުގައި ފުނަލުން އަޅަމުން ދިޔަ އިނާޝާ އަހައިލިއެވެ.
"މަންމާ..! މަންމަވެސް ބައްޕަވެސް އަޒްކާ އުފަން ދަރިއެއްގޮތަށް ގަބޫލުކުރާއިރު އޭނާއަށް ލިބެމުންދާ އަނިޔާތަކުންވެސް ސަލާމަތްކޮށްދޭންވާނެއްނު" ނާހިދް ވާހަކަދެއްކިއެވެ.
"އަނިޔާއޭ..." އެހެން ބުނެވުނީ އިނާޝާ އާއި މޯހަންދާސްއަށް އެކީގައެވެ.
"އާނ.. އަޅުގަނޑަށް ހީވަނީ އަޒްކާގެ ފިރިމީހާ އޭނާއަށް ވަރަށް އަނިޔާ ކުރޭހެން. އެކަހަލަ ގޮތަކަށް އިއްޔެގަ ވާހަކަދެއްކި" ނާހިދް ބުނެލިއެވެ. އިނާޝާ ކައިރިއަށް އައީ ހިންޏެވެ.
"އެމަންޖެގެ ފިރިއެއް ނުހުރޭ. ލިބުނު ދަރިފުޅުވެސް ދުނިޔޭގައި ނެތް. ނޭނގޭތަ ދަރިފުޅަށް" އިނާޝާ ބުނި ޖުމްލައާއެކު ނާހިދަށް އިނާޝާގެ މޫނަށް ބަލައިލެވުނީ ކުއްލިއަކަށެވެ.
(ނުނިމޭ)