ޖުމްހޫރީ ޕާޓީ

އަލްހާން އަނެއްކާވެސް ޖުމްހޫރީ ޕާޓީއަށް

ޝަހީދާ އަބްދުﷲ ސައީދު

އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި އަލްހާން ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށްއޮތް މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ގޮނޑިތައް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ މީގެކުރިން އަލްހާން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު އެމްޑީޕީއަށް ދިޔައީ ގާސިމް ވިދާޅުވުމުން ކަމަށެވެ. އަދި އަލްހާން މިއަދު އަނެއްކާވެސް ޖޭޕީއަށް ސޮއި ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސިޔާސީ އިސް ބޭފުޅުން ޕާޓީ ބަދަލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަލްހާން މިއަދު ޖޭޕީއަށް ސޮއިކުރެއްވި އިރު، މިއީ އޭނާ އެ ޕާޓީއަށް ސޮއިކުރެއްވި ދެވަނަ ފަހަރެވެ.

ކުރިން ޑީއާރުޕީގައި ހުންނެވުމަށްފަހު އަލްހާން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައި، އެޕާޓީގައި ހުންނެވުމަށް ފަހު ދެން ސޮއިކުރެއްވީ އެމްޑީޕީއަށެވެ. އަދި އެމްޑީޕީގެ ނާއިބު ރައީސް ކަމުގައި ހުންނެވުމަށްފަހު، މަޖިލީހުގެ އިންތިޚާބުގެ ތެރެއިން ޕާޓީގެ އެތެރޭގެ މައްސަލަތަކެއް ކުރިމަތިވުމުން އަލްހާން ހުންނެވީ ޕާޓީއާ ދުރުގައެވެ.

އަދި އޭގެ ފަހުން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް، އަލްހާން ވަނީ މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހުގެރޭ ޕީޕީއެމްއަށް ސޮއިކުރައްވައި ގުޅިފައިވާ އިއްތިހާދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.