ބޮލީވުޑް ބާދްޝާގެ ސެލެބްރޭޝަނެއް ނަމަ ޝައްކެއްވެސް ނެތް ގޮތުގައި އެކަން އޮންނާނީ ކިންގް ސައިޒްގައިކަން އެއީ އެންމެނަށް އެނގޭ ކަމެކެވެ.
ޝާހުގެ އުފަންދުވަހު އެތައް ހާސް ބަޔަކު އޭނާގެ މޫނު ދެކިލުމަށް އެގޭ ދޮށަށް އެއްވުމުން އެކަނިވެސް ފޭނުން އޭނާދެކެ ވާ ލޯބި ހާމަވެގެން ދެއެވެ.
މިފަަހަރުގެ އުފަން ދުވަސް ޝާހުއަށް ހާއްސަވާ އެހެން ސަބަބެއްވެސް ވެއެވެ. އެއީ އޭނާގެ އުފަންދުވަހުގެ ވިޝް ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބުރިޖު ޚަލީފާގައި ޑިސްޕްލޭވެގެން ދިޔުމެވެ.
ބުރިޖު ޚަލީފާގައި ފުރަތަމަ ޑިސްޕްލޭ ކުރި މެސެޖަކީ "ހެޕީ ބާތުޑޭ ޓު ދަ ކިންގް އޮފް ބޮލީވުޑް ޝާހުރުކް ޚާން" އެވެ.
ބޮލީވުޑް މިއުޒިކާއެކު މި ވިޝް ބްރިޖް ޚަހީފާގައި ޑިސްޕްލޭ ވުމާއެކު އެތާ ތިބި އިންޑިއާގެ ގިނަ ރައްޔިތުން ވަނީ އެކަން ފާހަގަކޮށްފައެވެ. މިއީ ދުނިޔޭގެ ހުރިހާ އެކްޓަރުންގެ ތެރެއިންވެސް މިފަދަ ކަމެއް ބްރިޖް ޚަލީފާއިން ކުރި ފުރަތަމަ ފަހަރެވެ.
މި ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސިކުންތު ކޮޅެއްގައި ވައިރަލްވެގެން ގޮސްފައެވެ.
ޝާހުގެ އުފަންދުވަސް އޭނާ ފާހަގަ ކުރީ މުމްބާއީގައެވެ. ގޭދޮށަށް އެއްވެ ތިބި ފޭނުންނާ އޭނާ ބައްދަލުކުރި އެވެ. އަަދި އެރޭ ޝާހު ވަނީ ފޭނުންނާ އެކު އޮތް ކޭކު ފެޅުމެއްގައި ވެސް ބައިވެރިވެފައެވެ. އެ ޕާޓިގައި ޝާހު ވަނީ އޭނާގެ އެންމެ މަގުބޫލު ޑައިލޮގްތައްވެސް ކިޔާފައެވެ.