ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އަމާޒަކީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، މިހާރަށްވުރެ ހަރުދަނާކުރުން: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒަކީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، މިހާރަށްވުރެ ހަރުދަނާކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސިފައިންގެ މުއައްސަސާއަކީ މިހާރަށްވުރެ ވެސް ހަރުދަނާ އަދި ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުން ކަމަށެވެ.

"ސިފައިން މިއަދު ތަމްރީނުވެފައިވާ މިންވަރާއި އެލާޓް ލެވެލާއި އޮޕަރޭޝަނަލް އިންތިޒާމުތައް އޭރާ އަޅާބަލާ އިރު، ވަރަށް ވެސް ރަނގަޅު. ބޭރުގެ އަސްކަރިއްޔާތަކުން ލިބޭ ހިލޭ އެހީގެ ތެރެއިން މިހާރު ސިފައިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރާއި އެހެނިހެން ވެސް އާލަތްތައް ވަނީ ހޯދިފައި. ސިފައިންގެ އަސްކަރީ ގާބިލުކަމާއި ދެވޭ ތަމްރީނުގެ ފެންވަރު މިވަނީ ރަނގަޅުކުރެވިފައި. މިފަދަ އުދުވާނުތަކުގައި މަސައްކަތްކުރުމުގެ ޕްލޭންތަކާއި ޑްރިލްތައް ހެދި އަބަދުމެ ފަރިތަކުރަމުން އެބަ ގެންދެވޭ. ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އެހެން އިކުއިޕްމަންޓްތަކާއި އަދި އުޅަނދުފަހަރު ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އެބަ ގެންދެވޭ،" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ތިނެއް ނޮވެމްބަރު، 1988ގައި ދިން އުދުވާނީ ހަމަލާގައި ޓެރަރިސްޓް ޖަމާއަތުން ރާއްޖެއަށް ނޭނގި ކަނޑުގެ ސަރަހައްދަށް ވަން ނަމަވެސް، މިހާރު އެ ފުރުސަތުތައް ވަރަށް ހަނިކުރެވިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާޑަރު ސިސްޓަމް ބެހެއްޓި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓެމުން އެބަ ގެންދެވޭ. އަޅުގަނޑުމެންނަށް ނޭނގި، ޑިޓެކްޓް ނުވެ، ދެން އަޅުގަނޑުމެންގެ ސަރަހައްދަށް ވަނުމުގެ ފުރުސަތުތައް ވަނީ ވަރަށް ވެސް ހަނިކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ ލަޝްކަރަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، އަސްކަރީ ރޫހާ އެއްގޮތަށް ގާނޫނުގެ ވެރިކަމަށް ބޯލަނބާ ކިޔަމަންތެރިވާ، ދިވެހި ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި ފުރިހަމަ އިތުބާރު ލިބިފައިވާ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް ސިފައިންގެ ލީޑާޝިޕުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި ސިފައިންގެ ލަޝްކަރު ތިބީ ވަރަށް ބަދަހި އަދި ވަރަށް ވެސް ސާބިތުކަމާއެކު ކަމަށެވެ.