ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ ރައީސް ނަޝީދުގެ މައްސަލައިގެ އިސްތިއުނާފު މައްސަލަ އަންނަ ހޯމަ ދުވަހަށް ސުޕްރީމް ކޯޓުގައި އެޖެންޑާކޮށްފި އެވެ.
އަންނަ ހޯމަ ދުވަހުގެ ހެނދުނަށް ތާވަލުކޮށްފައިވާ ނަޝީދުގެ ޖަލު ހުކުމް ރިވިއުކުރުމުގެ މައްސަލަ ބައްލަވާ ބެންޗުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއެކު ހިމެނިވަޑައިގަންނަވާނީ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން ވަނީ އަމުރުކޮށްފައެވެ. ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ ޕީޖީން އެފަދަ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ އަމުރު ނެރުމުގައި ބައްލަވާފައިވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި، އެބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުއީ، އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށާއި، އެމައްސަލައިގެ ބާވަތަށް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރު ވެސް އިއްޔެ ވަނީ ފާސްކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.