މަސްތުވާތަކެތީގެ މައްސަލަތައް

ރާއްޖޭގެ ސަރަހައްދުން އޮޔާދަނިކޮށް ފެނުނު އިރާނުގެ ބޯޓުގައި މަސްތުވާތަކެތި

އާނިފާ ހުސެއިން ސިރާޖް

އދ.މަންދޫ ބޭރުން އިރާނުގެ ބޯޓެއްގެ އިންޖީނު ހުއްޓި، މަންދޫއާ ދިމާއަށް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ފުލުހުންނާއި ކޯސްޓްގާޑު ގުޅިގެން އެ ބޯޓަށް އަރައި ހިންގި ތަހުގީގުގެ ތެރެއިން، އެ ބޯޓުން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި ފެނިއްޖެއެވެ.

އެމްއެންޑިއެފުން ބުނީ މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި ކަމަށެވެ.

މި ބޯޓު ހިފަހައްޓާފައިވަނީ މިއަދު ހެނދުނުގެ 11:40 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ބޯޓުގައި އެވަގުތު ހަތް އިރާނު ފިރިހެނުން ތިބިކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެގޮތުން މި މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާތީ، އެ ބޯޓު އިތުރަށް ބަލައި ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީފުން މައުލޫމާތުދެއެވެ.

ނަމަވެސް ބޯޓުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަން އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިރާނުގެ ބޯޓުތަކެއް ވަނީ ހިފަހައްޓާފައެވެ.