އިބްރާހިމް ޒަކީ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އަކީ އިސްލާމް ދީނާ ދެކޮޅު ބަޔަކު ހިންގާ ޓެރެރިސްޓް ޖަމްއިއްޔާއެއްކަން ކޯޓުގައި ސާބިތު ކޮށްދޭން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ތައްޔާރުތޯ، އިސްލާމްދީނާ ހިލާފު ވާހަކަތައް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ޝަހިންދާ އިސްމާއިލް ސުވާލު ކޮށްފިއެވެ.
އޭނާ މި ސުވާލު ކޮށްފައި ވަނީ، ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި އެމްޑީއެން އިން އާންމުކުރި ރިޕޯޓު ބޭނުންކޮށްގެން އެއްވެސް ބަޔަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުދެއްވާނެކަމަށް ޑރ އިޔާޒު ވިދާޅުވި ހަބަރު ޓެގްކޮށް ކުރި ޓްވީޓެއްގައެވެ.
ޝަހިންދާ ބުނެފައިވަނީ، އެމްޑީއެން އަކީ އިސްލާމް ދީނާ ދެކޮޅު ބަޔަކު ހިންގާ، އިސްލާމްދިނާ ދެކޮޅު، ޓެރެރިސްޓް ޖަމިއްޔާއެކަން ކޯޓުގައި ކަށަވަރުކޮށްދިނުމުގެ ބަހުސް ކުރިއަށް ގެންދިއުމަށް ތައްޔާރު ކަމަށެވެ.
އަދި، ޑރ.އިޔާޒަކީ މުސްލިމުންގެ މައްޗަށް އެކި ތުހުމަތުތައް ކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށާއި، އިޔާޒަކީ ހަމަނުޖެހުން ޕްރޮމޯޓުކޮށް ސުލްހަމަސަލަސްކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ބޭފުޅެއް ކަމަށްވެސް ޝަހިންދާގެ ޓްވީޓުގައި ބުނެފައިވެ އެވެ.
''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' މައްސަލައިގައި އެމްޑީއެން އާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުލައި އެކަމާ ދެކޮޅު ހެދުމަށް އެންމެ ބޮޑަށް ބާރު އަޅުއްވާ އެއްބޭފުޅަކީ ޑރ.އިޔާޒެވެ.
އިޔާޒް ގެންދަވަނީ އެމްޑީއެން އުވާލައި ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވައި ލައްވަމުންނެވެ.