އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުވެވެން ނެތްކަން އަންގާފައިވަނީ އަޒްރާ ކަމަށާއި އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްލާއީލްގެ ޖަވާބެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަގީންކަން ނެތްކަމަށް ބުނެ، ރާއްޖެ އާދެވެން ނެތް ކަމަށް ޝަހިންދާ އާއި އަޒްރާ އަންގާފައިވާ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް، އެއީ މައުލޫމާތުގެ ކުށެއް ކަމަށް ފަހުން ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ތަހުގީގަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވަނީ އަޒްރާ ކަމަށާއި ޝަހިންދާގެ ފަރާތުން އަދި ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ މުއްދަތު ހަމަނުވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ވަނީ އެ މައްސަލައިގައި ފުލުހަށް ހާޒިރުވާން ޝަހިންދާ އާއި އަޒްރާއަށް ޗިޓް ފޮނުވައިފައެވެ. އަޒްރާ އާއި ޝަހިންދާއަށް ފުލުހުން ފޮނުވި ޗިޓުގައި އަންގާފައިވަނީ 14 ދުވަސް ތެރޭގައި ތަހުގީގަށް ހާޒިރުވުމަށެވެ. ޝަހިންދާ އާއި އަޒްރާ ވެސް ހުރީ ރާއްޖެއިން ބޭރުގައެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް ބައެއް މީހުން ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖޭގައި ނޫޅޭތީ ތަހުގީގަށް ހާޒިރުކުރަން ދައިތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެ ރިޕޯޓުގެ ތަހުގީގަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކުރުމުގައި ހުރި ދަތިތަކުގެ ތެރޭގައި ވެސް މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެ ދަތިތަކާއެކުގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގީ މަރުހަލާ ލަސްކަމަށް ފާހަގަނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
އެންޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފެންނަ ކަމަށް ފުލުހުންގެ ފަރާތުން މިހާރު ވަނީ ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވަނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން ހެދި އެސެސްމަންޓު ރިޕޯޓެވެ.
ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ފެންނަ ކަމަށް ޔޫތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.
އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 ކައުންސިލަކުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެޖަމާއަތާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.