މީގޭ ކުރިން ބަތަލާ ދީޕިކާ ޕަޑުކޯން ވަނީ ފިރިމީހާ ރަންވީރު އާއެކު ބެޑްމިންޓަން ކުޅޭ ކަމަށާއި ސްކޯ ބޯޑުގައި އެންމެ ކުރީގައި އޭނާ އަބަދުވެސް އުޅޭކަމަށް ބުނެފައެވެ.
މިފަހަރު ރަންވީރު މިވަނީ ލައިވް ޗެޓެއްގައި އެކަމަށް އެއްބަސްވެފައެވެ. ރަންވީރު ބުނި ގޮތުގައި އޭނާގެ ދުވަސް ފެށުނީ އަންހެނުން ދީޕިކާ އާއެކު ބެޑްމިންޓަން ކުޅެގެންކަމަށާއި ދީޕިކާ އަތުން އޭނާ ބަލިވެފައިވާކަމަށެވެ.
ރަންވީރު މިގޮތަށް ލައިވް ކެޓެއްގައި ބުނުމުން އޭނާގެ ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ. އެންމެންވެސް އޭނާގެ "ކިއުޓް" ކަމަށް ވަނީ ކޮމެންޓްކޮށްފައެވެ.
އެ ވީޑިއޯގައި ފިލްމު "ތަޚްތު" ގައި އޭނާގެ ރޯލަށް ތައްޔާރު ވުމަށް އެވަގުތު ދަތުރުކުރަމުންދާކަމަށް ރަންވީރު ބުނެއެވެ. އަންހެނުންގެ އަތުން ބެޑްމިންޓަނުން ބަލިވި ކަމުގައިވިއަސް ރަނގަޅު ވޯކްއައުޓެއް އެދުވަހު ހެދިފައިވާކަމަށް ރަންވީރު ބުނެއެވެ.
އެންމެ އަވަހަށް ރަންވީރުގެ ރިލީސްވާނެ ފިލްމަކީ ކްރިކެޓަރު ކަޕިލް ދޭވްގެ ރޯލުން ފިލްމު "83" ގައެވެ. އެ ފިލްމުގެ ކޯ ޕްރޮޑިއުސަރަކީވެސް އަދި ރަންވީރު އަންހެނުންގެ ރޯލުން ފެނިގެންދާނީވެސް ދީޕިކާއެވެ.
މީގެ އިތުރުން ކަރަން ޖޯހަރުގެ ފިލްމު "ތަޚްތު" އިންވެސް ރަންވީރު ފެނިގެންދާނެއެވެ. ފިލްމުގައި ކަރީނާ ކަޕޫރު، ވިކީ ކޯޝަލް، އާޅިޔާ ބަޓް، ޖާންވީ ކަޕޫރު، ބޫމީ ޕެޑްނޭކަރު އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެންނާނެއެވެ.
މީގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބައިޖޫ ބައުރާ" އަށްވެސް ރަންވީރު ވަނީ އެއްބަސްވެފައެވެ.