އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމު އިއުލާންކޮށްފިއެވެ.
މިމަހު ފަށާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތާ ގުޅޭ ކަންކަމާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފްއާ ކުރުމަށް އެންގުމުން އެ އެސޯސިއޭޝަނުން މުއާމަލާތުކުރަމުންދަނީ އޭނާއާއެވެ.
އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ލިސްޓަކީ އިއްޔެ ބޭއްވި ވީއޭއެމްގެ ކޮންގްރެސްގެ ކުރިން ލަތީފް ފޮނުއްވި ލިސްޓެކެވެ. އެ ލިސްޓު ފޮނުވާފައިވާކަން ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ އާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ވެސް ލަތީފް ވަނީ އަންގައިފައެވެ. އޭގެ ފަހުން ލަތީފް ވަނީ އެ ޓީމުގެ ލިސްޓު އާންމުކުރައްވައިފައެވެ.
ނަމަވެސް އެ ލިސްޓު ފޮނުވި ފަހުން، އިއްޔެ ބޭއްވި ވީއޭއެމްގެ ކޮންގްރެސްގައި އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި، އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުން ލަތީފް ވަނީ ވަކިކޮސްފައެވެ. ނަމަވެސް އެ ކޮންގްރެސް އެފްއައިވީބީން ބަލައިގަންނާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ލަތީފް ފޮނުއްވި ގައުމީ ޓީމުގެ ލިސްޓުގައި 18 ކުޅުންތެރިން ހިމެނެއެވެ. އެޓީމުގެ ކޯޗަކަށް އަހްމަދު ސުނާން ހަމަޖައްސާފައިވާ އިރު، އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ފައިސަލެވެ. ކޯޗަކަށް އައްޔަންކުރި ސުނާންއަކީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗެވެ.
މީގެ ކުރިން ލަތީފް ވިދާޅުވެފައިވަނީ ގާނޫނާ ހިލާފަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް) ހިންގަވާ އަމަލަކުން ދިވެހި ކުޅިވަރަށް ވަކިން ހާއްސަކޮށް ވޮލީބޯޅައަށް އަދި ވޮލީބޯޅަ ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ދެރައެއް، ގެއްލުމެއް، ނިކަމެތިކަމެއް ލިބުމަކީ ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ހައިސިއްޔަތުން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން ކަމަށާއި ކުރިއަށްއޮތް މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ބަލާ އިރު، މުބާރާތުން ރާއްޖެއަށް ފަހުރުވެރި މެޑެލްއެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ލަތީފް ވިދާޅުވީ އިއްޔެ ވީއޭއެމްގެ ކޮންގްރެސް ބާއްވާފައިވަނީ ހިންގާ ކޮމިޓީން ވަކިކޮށްފައިވާ މެމްބަރަކު ހިމަނައިގެން ކަމަށާއި އެހެންކަމުން އެ ކޮންގްރެސް ބާއްވާފައިވަނީ ހިންގާ ކޮމިޓީގެ ދެ މެމްބަރުންނާއެކު ކަމަށެވެ. ވީއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންގްރެސްއެއް ބޭއްވޭނީ އެންމެ މަދުވެގެން، ހިންގާ ކޮމިޓީގެ ތިން މެމްބަރުންނާއެކުއެވެ. އޭގެ އިތުރުން އެ ކޮންގްރެސްގައި ބާއްވާފައިވަނީ ވީއޭއެމްގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ގިނަ ކްލަބުތަކެއް ބައިވެރިކޮށްގެން ކަން ވެސް ލަތީފް ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ ސަލީމް ވަނީ، ވީއޭއެމްގެ އިންތިހާބީ ރައީސް މަގާމުގެ ޒިންމާތަކުން ލަތީފް ދުރުކޮށް ނޯމަލައިޒޭޝަން ކޮމެޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށް، ތިން މަސް ތެރޭގައި އާ އިންތިހާބެއް ބޭއްވުމުގެ މަސްއޫލިއްޔަތު އެ ކޮމިޓީއާ ހަވާލުކޮށްފައެވެ. އަދި އެ ކޮމިޝަނުން ވީއޭއެމްގެ އިދާރީ އޮފީހަށް ވަދެ ވީއޭއެމް ހިންގުމާ ވެސް ވަނީ ހަވާލުވެފައެވެ.
ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި ނަމަވެސް، އިއްޔެގެ ކޮންގްރެސް ބާއްވާފައިވަނީ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއެކުގައެވެ. އެ މަސްއޫލިއްޔަތާއި ބާރުތައް އަލުން ހިންގާ ކޮމިޓީއަށް ދިންކަން އަންގާފައި ނުވާ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.