ފީޗާރޑް

ލޭގެ ކެންސަރު ޖެހިފައިވާ ހަސީނާއަށް އެހީއެއް ވެދެއްވާ!

ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 28 އަހަރުގެ ހަސީނާ ހަސަނަކީ މީގެ ކުރިން ރަނގަޅު ސިއްހަތެއްގައި ދިރިއުޅެމުންދިޔަ ޒުވާނެކެވެ. ނަމަވެސް މިހާރު ހަސީނާއަކީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "އެކިއުޓް ޕްރޮމަޔޮލޮޓިކް ލޫކީމިއާ"އަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. އެކަމާ ކުރިމަތިލާން ޖެހުނީ މިއަހަރުގެ ތެރޭގައެވެ.

ހަސީނާގެ ފިރިމީހާ އަހްމަދު އަބްދުލްރަހީމް "ވަން"އަށް މައުލޫމާތު ދިން ގޮތުގައި ހަސީނާ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ކެއްސާތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެފަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިއީއެމްއެޗް) އަށް ވެސް ދެއްކިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް އިން ބުނީ އައިޓީޕީ ކަމަށް

ކެއްސާތީ ހަސީނާ ފުރަތަމަ ދެއްކީ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ޑޮކްޓަރަށް ދެއްކުމުން ބްލަޑް ޓެސްޓެއް ހަދެމަށްފަހު ޑޮކްޓަރު ބުނެފައިވަނީ ޕްލެޓްލެޓްސް ދަށް ވެފައިވާ ކަމަށެވެ. ޕޭލްޓްލެޓްސްއަށް އަސަރުކުރާ އިމިއުން ތުރޮމްބޮސިޓްޕެނިކް ޕާޕޫރާ (އައިޓީޕީ) ކަމަށް ވެދާނެއޭ ކުޅުދުއްފުށީ ހޮސްޕިޓަލުން ބުންޏެވެ. އަދި ސީރިއަސް ކަމެއް ނެތް ކަމަށް ބުނެފައިވެއެވެ. އެ ހޮސްޕިޓަލުގައި އޮވެ، ތިން ފަހަރު ލޭ އަޅަން ޖެހުނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމަށްފަހު، އޮގަސްޓް 26ގައި ހަސީނާ މާލެއަށް ފުރީ އައިޖީއެމްއެޗްއަށް ދެއްކުމަށެވެ. އެމަޖެންސީގައި އެންމެ ދުވަހަކު ބާއްވައި، އެއީ އައިޓީޕީ ކަމަށް ނިންމުމަށްފަހު އެ ހޮސްޕިޓަލުން ދިނީ ތިން މަސް ދުވަސް ވަންދެން ކާނެ ބޭސްތަކެކެވެ. އޭރު ހުންގަދަވެފައި ހުރުމުގެ ސަބަބުން އިތުރަށް ހޮސްޕިޓަލުގައި ބާއްވައި ދޭން އެދުމުން ވެސް މިހާރު ޑިސްޗާޖް ކޮށްފައިވާ ކަމަށް ބުނެ އައިޖީއެމްއެޗް އިން ހަސީނާ ދޫކޮށްލި ކަމަށް އޭނާގެ ފިރިމީހާ އަހްމަދު ބުންޏެވެ.

"އައިޖީއެމްއެޗްގެ ޑޮކްޓަރު ދިނީ ތިން މަސް ވަންދެން ކާނެ ބޭހެއް. އިތުރަށް ބާއްވާނެ ކަމެއް ނެތޭ ބުނީ. އެމަޖެންސީގައި އެ ދުވަހު ބާއްވާފައި، އެ ރޭ ދޫކޮށްލީ. ހުން ގަދަވެފައި ހުރުމުގެ ސަބަބުން އަޅުގަނޑުމެން އެދުނިން ބާއްވައިދޭން ވެސް. އެކަމަކު ހޮސްޕިޓަލުން ބުނީ މިހާރު ޕޭޝަންޓް ޑިސްޖާޗް ކޮށްލާފައިވާ ކަމަށް،" އޭނާ ބުންޏެވެ.

ޓްރީޓޮޕުން ސާފުވީ އެއީ އައިޓީޕީ ނޫންކަން

އައިޖީއެމްއެޗް އިން ދޫކޮށްލުމުން ހަސީނާ އެނބުރި ދިޔައީ ކުޅުދުއްފުއްޓަށެވެ. ދެ ހަފުތާ ފަހުން ބްލަޑް ކައުންޓް ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާދީފައިވާތީ ކުޅުދުއްފުށީ ހޮސްޕިޓަލުން އަލުން ޓެސްޓު ހެދިއެވެ. އެފަހަރު ވެސް ޓެސްޓުތަކުން ދެއްކީ ޕްލޭޓްލެޓްސް ދަށްވެފައިވާ ކެމެވެ.

ޕްލޭޓްލެޓްސް ދަށްވުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުން އެންމެ ރަނގަޅުވާނެ ކަމަށް ބަލައި، މާލެ އައިސް ދެން ދެއްކީ އެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ހަސީނާ ދެ ފަހަރެއްގެ މަތިން ދެއްކިއެވެ. އެ ހޮސްޕިޓަލުގައި ޖުމުލަ ދިހަ ދުވަހު އައިސީޔޫގައި ވެސް ބޭއްވިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލާއި އައިޖީއެމްއެޗް އިން މައުލޫމާތު ދިން ގޮތާ ހިލާފަށް ޓްރީޓޮޕުން ބުނީ އެއީ އައިޓީޕީ ނޫން ކަމަށެވެ.

"ޓްރީޓޮޕުން އެއީ ކެންސަރުކަން ނޭނގުނަސް، މައުލޫމާތުތައް ސާފުވި. އައިޓީޕީ ނޫންކަން އެނގުނު. ޓްރީޓޮޕަށް ދެ ފަހަރެއްގެ މަތިން ދެއްކުނު. ޖުމްލަ ދިހަ ދުވަހު އައިސީގައި އޮންނަން ޖެހުނު. ބޮލުގައި ރިއްސާތީ، އެއީ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ލޭ އެޅިފައިވާ ކަމަށް ވެސް ބުނި. އެއީ ބްލަޑް ކައުންޓްސް ދަށް ވީމަ ވީ ކަމެއް ކަމަށް ބުނި. އެކަމަށް ފަރުވާ ހޯދޭނީ ހަސީނާގެ ހާލު ހަމައަކަށް އެޅުމުން ކަމަށް ޓްރީޓޮޕުން މައުލޫމާތު ދިން. ޓްރީޓޮޕުން އެދުނީ ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް،" ހަސީނާގެ ފިރިމީހާ އަހްމަދު ބުންޏެވެ.

ޓްރީޓޮޕްގެ ލަފައާއެކު ދިޔައީ އިންޑިއާއަށް

ޓްރީޓޮޕްގެ ލަފައާއެކު ހަސީނާ ދިޔައީ އިންޑިއާއަށެވެ. އަމްރިތާ ހޮސްޕިޓަލަށް ދާން ދަތުރު ފެށި ނަމަވެސް، އެ ހަސީނާގެ ހާލަތު ގޯސްވެފައިވުމުން އެހާ ދުރަށް ދަތުރުކުނުރެވޭނެތީ ޓްރީޓޮޕްގެ ޑޮކްޓަރު ލަފާ ދިނީ ކިމްސް ހޮސްޕިޓަލަށް ދިއުމަށެވެ. އޭރު އަމްރިތާ ހޮސްޕިޓަލުން އާސަންދަ ހަމަޖެހޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.

"އޭރު އަމްރިތާ ހޮސްޕިޓަލުން އާސަންދަ ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައި. ކިމްސްއަށް ދާ ކަމަށް އެންގުމުން އާސަންދައިން ބުނީ މެޑިކަލް ހަރަދުތަކާއި ވޯޑްގައި ބާއްވާ ނަމަ، އެ ހަރަދުތައް ކަވަރުކޮށްދެވޭނެ ކަމަށް،" އަހްމަދު ބުންޏެވެ.

ހަސީނާ އަންނަނީ ކިމްސް ހޮސްޕިޓަލުން ސެޕްޓެމްބަރު 12 އިން ފެށިގެން ފަރުވާ ހޯދަމުންނެވެ. އެ ހޮސްޕިޓަލުން ދެ ފަހަރެއްގެ މަތިން ބޯން މެރޯ ހެދުމަށްފަހު ބުނީ ހަސީނާގެ އެ ބައްޔަކީ ލޭގެ ކެންސަރު ކަމަށެވެ. އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ނަމަ، އެ ބަލިން ސަލާމަތްވެވޭނެ ކަމުގެ ބޮޑު ފުރުސަތެއް އޮތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިހާރު މި ހޮސްޕިޓަލުން ފަރުވާ ހޯދާތާ ދެ މަހެއްހާ ދުވަސް ވަނީ. ހަސީނާގެ ހާލު އެންމެ ސީރިއަސްއެއް ނޫން. އެހެންކަމުން އެންމެ މަދުވެގެން ހަ މަސް ދުވަސް މި ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަ ނަމަ، ރަނގަޅު ކުރެވޭނެ ކަމުގެ 80 ނުވަތަ 90 ޕަސަންޓް އޮތް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދޭ،" އަހްމަދު ބުންޏެވެ.

ބޭނުންވަނީ ދީލަތި އެހީ އާއި ހެޔޮ ދުއާ

ހަސީނާގެ ކެއުމުގެ ކަންތައްތައް ހަމަޖައްސަން ޖެހެނީ ކިމްސްގެ ރެސްޓޯރެންޓުންނެވެ. ބޭރުން ކާ އެއްޗެހި ހޮސްޕިޓަލަކަށް ނުގެނެވެއެވެ. އޭގެ އިތުރުން މަހެއްހާ ދުވަހު ހަސީނާ އައިސީޔޫގައި އޮންނަން ޖެހުނެވެ. އެއަށްފަހު ދެން ބަދަލުކުރީ ފަރުވާދޭ ކޮޓަރިއަކަށެވެ. އާސަންދަ އިން ކަވަރުކޮށްދެނީ ހަމައެކަނި މެޑިކަލަށާއި ވޯޑުގައި ބާއްވާނަމަ، އެ ހަރަދުތައް ކަމަށްވުމުން އިތުރު ހަރަދުތައް ކުރަން ޖެހެނީ އަމިއްލައަށެވެ.

"މިކޮޅުން ގިނަ ހަރަދުތަކެއް ދޭ. ދެ ސިސްޓާސް ވެސް މިކޮޅުގައި އެހީތެރިވާން އުޅޭ. އެހެންކަމުން ހޮސްޕިޓަލު ކައިރިން ކޮޓަރިއެއް ހޯދައިގެން މިއުޅެނީ. މިތާ ކައިރިން ރަނގަޅު އަގެއްގައި ކޮޓަރިއެއް ވެސް ނުލިބޭ. އެހެންވީމަ ވަރަށް ބޮޑު ހަރަދެއް ހިނގާ،" ހަސީނާގެ ފިރިމީހާ ބުންޏެވެ.

ހަސީނާގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާގައި އަދިވެސް ގިނަ ދުވަސްތަކެއްގައި މަޑުކުރަން ޖެހެއެވެ. ގިނަ ހަރަދުތަކެއް ހިނގާތީ، ހަސީނާގެ އާއިލާއިން އެދެނީ ކުޑަވެސް އެހީތެރިކަމެއް ވެދެވެން އޮތް ފަރާތަކުން އެހީތެރިވެދިނުމަށެވެ. އަދި ހެޔޮ ދުއާއަށް ވެސް އެ އާއިލާއިން އެދެއެވެ.

ހަސީނާއަށް އެހީތެރިވުމަށް

ފޯން ނަމްބަރު: ވައިބާ/ ވަޓްސްއެޕް އިން 9607776939+، 919747205992+ (ހަސީނާގެ ފިރިމީހާ އަހްމަދު އަބްދުލްރަހީމް)
ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7706137821101 (އަހްމަދު އަބްދުލްރަހީމް)
ޑޮލަރު އެކައުންޓް ނަމްބަރު: 7730000122875 (އަހްމަދު އަބްދުލްރަހީމް)