ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު، 20 އަހަރަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ކުޅުން ހުއްޓާލިކަން ކީޕަރު އިމްރާން އިއުލާންކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ.
އިމްރާން ބުނީ އޭނާގެ ހިދުމަތް ފާހަގަކުރުމަށް ސަރުކާރުން ދިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުމުން އުފާކުރާ ކަމަށާއި ފުޓުބޯޅަ ކެރިޔަރުގައި ލިބުނު ކާމިޔާބީތަކަކީ އޭނާގެ ފަހަތުގައި ސަޕޯޓަރުން ތިބުމުން ލިބުނު ކާމިޔާބީތަކެއް ކަމަށެވެ. އަދި ފުޓުބޯޅަ ކެރިޔަރުގައި އޭނާއަށް ހިތްވަރުދީ އެހީތެރިވި ހުރިހާ ފަރާތްތަކަށް އިމްރާން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ ކުޅުން ހުއްޓާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ޒުވާން، ހުނަރުވެރި ކީޕަރުން އުފެދިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ކީޕަރު އިމްރާން ބުންޏެވެ.
އިމްރާންގެ ފުޓުބޯޅަ ކެރިޔަރު 1999 ވަނަ އަހަރު ފެށީ ކްލަބު އީގަލްސް އިންނެވެ. އީގަލްސްގައި މޮޅު ކުޅުމެއް ދައްކައި، ހަމަ އެ އަހަރު އިމްރާން ވަނީ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފައެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 17 އަހަރަށް ފަހު 2016 ވަނަ އަހަރުއެވެ. އިމްރާނަކީ ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
އީގަލްސްގެ އިތުރުން އިމްރާން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އާއި ވީބީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލު ވެސް ބަލަހައްޓައިފައެވެ. އެއިން ކޮންމެ ޓީމެއްގައި ވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.