ބޮލީވުޑް

ސަންޖޭގެ ބައިޖޫ ބައުރާގައި ޕްރިޔަންކާ އަދި ރަންވީރު

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު އިއުލާން ކުރީ އިއްޔެ އެވެ. ބައިޖޫ ބައުރާ ކިޔާ މި ފިލްމުގެ މަސައްކަތް" ގަނގޫބައި ކާތިއަވާދީ "ގެ ޝޫޓިންއަށް އަށްފަހު ފަށާނެކަމަށްވެއެވެ.

ބައިޖޫގެ ލީޑް ބަތަލަކަށް ރަންވީރު ސިންގު ހޮވާފައިވާއިރު ފިލްމުގައި ދެން ފެނިގެންދާނެ މުހިންމު ރޯލަށް ވަނީ އަޖޭ ދޭވްގަން އަށް ހުށަހަޅާފައެވެ. ނަމަވެސް އަޖޭ ވަނީ އެ ރޯލު ނުކުޅުމަށް ނިންމާފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ލީޑް ބަތަލާގެ ބައި ވަނީ ޕްރިޔަންކާ ޗޯޕްރާއަށް ހުށަހަޅާފައެވެ. ބަދަލުހިފުމުގެ ވާހަކައަކަށް ހަދާ މި ފިލްމުގައި ޕްރިޔަންކާ އަދި ރަންވީރު ގެ ރޮމާންސް ފެނިގެންދާނެކަމަށްވެއެވެ.

ނަމަވެސް އަދި ރަސްމީކޮށް ފިލްމުގެ ތަރިން ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމު ވެގެން ދާނީ ޕްރިޔަންކާ އަދި ރަންވީރު އެކީގައި ފެނިގެންދާ ހަތަރު ވަނަ ފިލްމަށެވެ. މީގެ ކުރިން ދެތަރިން އެކުގައި "ގުންޑޭ"، "ދިލް ދަޅަކްނޭ ދޯ" އަދި "ބަޖިރާއޯ މަސްތާނީ" ގައި ވަނީ ފެނިގެންގޮސްފައެވެ. މީގެ އިތުރުން ރަންވީރުގެ ފިލްމު "ގޯލިޔޯ ކީ ރާސްލީލާ: ރާމް ލީލާ" ގައި ޕްރިޔަންކާގެ ހާއްސަ ލަވައެއް ފެނިގެންދެއެވެ.

ފިލްމު ބައިޖޫ ބައުރާ ރިލީސްކުރަން ހަމަޖެހިފައިވަނީ 2021ގެ ދިވާލީގައެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަބީރު ޚާންގެ ސްޕޯޓްސް ޑްރާމާ "83" އިންނެވެ. ޕްރިޔަންކާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ މަހު ނެރުނު ފިލްމު "ދަ ސްކައި އިސް ޕިންކް" އިންނެވެ.