ބޮލީވުޑް

އަމީތާބް ގޭގައި ހިނގި އަލިފާނުގެ ހާދިސާ: އަރްޗަނާ ސަލާމަތް ކުރީ އައިޝްވާރިޔާ!

1

ބޮލީވުޑްގެ މެގާ ސްޓާ އަމީތާބް ބަޗަން ގެ "ޖަލްސާ" ގައި ބޭއްވި ދިވާލީ ޕާޓީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އައިޝްވަރިޔާ ރާއީގެ މެނޭޖަރު ވަނީ 15 ޕަސެންޓް ފިހިފައެވެ. މިވަގުތު އޭނާ އަންނަނީ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ.

މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އަރްޗަނާގެ ހެދުމުގައި ހުޅުހިފުމުން އޭނާ ސަލާމަތް ކުރީ ބޮލީވުޑްގެ ބާދްޝާ ޝާހުރުކް ޚާން އެވެ. ނަމަވެސް އެރޭގެ ހާދިސާ އަސްލު ހިނގައިދިޔަ ގޮތް މިހާރު މިވަނީ ހާމަވެފައެވެ.

ޕާޓީ އެރޭ ތިނެއްޖެހިއިރު ނިމުމުން އަރްޗަނާ ގެއަށް ދިޔުމަށް ނުކުތީ އޭނާގެ އަންހެން ދަރިފުޅާވެސް އެކުގައެވެ. ދަމުން ޕާޓީގައި ތިބި އޭނާގެ ރައްޓެހިންނަށް ވޭވް ކުރަމުން ދިޔަ ވަގުތު އޭނާ ލައިގެން ހުރި ލެހެންގާ (އިންޑިއަން ހެދުން) ގައި ހުޅުހިފިއެވެ. ކައިރީގައި ތިބި މީހުން ތިބީ ހަދާނެ ގޮތެއް ނޭނގި ޝޮކު ޖެހިފަ އެވެ.

އެވަގުތު އައިޝްވަރިޔާ އައިސް އަރްޗަނާގެ ލެހެންގާ ވީދާލީ އަލިފާނުން އަރްޗަނާގެ ހަށިގަނޑު އިތުރަށް ފިހުނަ ނުދީ ސަލާމަތްކުރުމަށެވެ. އަދި ޝާހު ދިއްކޮށްލި ކޯޓުން އަރްޗަނާގެ ހަށިގަނޑު ނިވާކުރީއެވެ.

އަރްޗަނާގެ ރައްޓެއްސެއް އަދި ބީޓައުންގައިވެސް މަސައްކަތް ކުރާ ފަރާތެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާ ވެސް އެވަގުތު ހުރީ އެޕާޓީގައި ކަމަށެވެ. "ޝާހު އޭނާގެ ކޯޓު އަރްޗަނާ އަށް ދިން، އެހެން ކަމުން ޝާހުވެސް އަރްޗަނާ ސަލާމަތް ކުރުމުގައި ބޮޑު ރޯލެއް އަދާކުރި. ނަމަވެސް އައިޝް އަރްޗަނާގެ ހެދުން ވީދައި ނުލި ނަމަ ވަރަށް ބޮޑަށް އަރްޗަނާ ފިހޭނެ. އަލިފާނުގެ ހުޅު ހުރީ ވަރަށް ބޮޑަށް ހިފާފަ. އެހެންކަމުން އަރްޗަނާ ސަލާމަތް ވުމުގެ ޗާންސް ވަރަށް ކުޑަވީސް" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެއަށްފަހު އަވަހަށް އަރްޗަނާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި މިވަގުތު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

މިހާދިސާގައި އައިޝް އާއި ޝާހުގެ އަތުގައި ވެސް ވަނީ ކޮންމެވެސް ވަރަކަށް ފޮޅު ނަގައިފަ އެވެ.

މި ހާދިސާގައި އަރްޗަނާގެ ހެދުމުގައި ރޯވާން މެދުވެރިވީ، ދިވާލީގައި އަޅުކަން ކުރާން ގެންގުޅުނު އަލިފާނުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟