ޑރ. މުހައްމަދު ޖަމީލް އަހްމަދު

ފިޔަވަޅު އެޅުން ލަސްވުމުން ލާދީނީ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

ގާނޫނީ ކުށަށް ޒިންމާކުރުވުން ލަސްވުމުން ލާދީނީ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނަށާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އެ ނުބައި އަމަލުކުރި ފަރާތްތަކަށް ހިތްވަރު ލިބިގެން ހިނގައްޖެ ކަމަށެވެ.

''ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް. ގާނޫނީ ކުށަކަށް ޒިންމާކުރުވުން ލަސްވުމުން މި ޒާތުގެ ލާދީނީ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު. މިއީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 ކައުންސިލަކުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލާފައެވެ. އަދި އެޖަމާއަތާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ ހިތްހަމަަނުޖެހުން ފާޅުކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ސަރުކާރުންވަނީ އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށާއި އެކަމަށް ފަސް ނުޖެހޭނެ ކަމަށް ބުނެފައެވެ.