އެމްނެސްޓީ އިން ދޭ އެންމެ މަތީ ޝަރަފުގެ އެވޯޑް، އެމްބެސެޑާ އޮފް ކޮންޝަންސް އެވޯޑު، މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީ އަތުން އަތުލައިފި ކަމަށް އެފަރާތުން މިއަދު އިއުލާންކޮށްފި އެވެ.
2009 ވަނަ އަހަރު ސޫޗީ އަށް އަރުވާފައިވާ އެވޯޑު އަތުލާ ކަމަށް ލިޔުމުން، އެމްނެސްޓީގެ އިންޓަނޭޝަނަލް ސެކްރެޓަރީ ޖެނެރަލް، ކުމީ ނައިޑޫ ވަނީ ސޫޗީއަށް މިމަހު 11 ވަނަ ދުވަހު އަންގާފައެވެ. އެ ލިޔުމުގައި ވާ ގޮތުން މީގެ އަށް އަހަރު ކުރިން ސޫޗީ އަށް އެވޯޑު އެރުވީ އޭރު މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ސޫޗީ ދެއްކި ވާހަކަ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރި މަސައްކަތުގެ ސަބަބުންނެވެ. ނަމަވެސް ގޭ ބަންދުން ދޫވުމާ އެކު މިދިޔަ އަށް އަހަރުގައި ވެސް އެފަދަ މަސައްކަތްތަކެއް ސޫޗީ ކުރައްވާފައި ނުވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
ކުމީ ބުނި ގޮތުގައި އެމްނެސްޓީ އިން އުންމީދު ކުރީ ސޫޗީ އިންސާނީ ކަންކަމާއި، އިންޖަސްޓިސްއަށް ވަކާލާތު ކުރުންމަތީ ދެމިހުންނާނެ ކަމަށެވެ. ހާއްސަކޮށް މިޔަންމާގެ އެތެރޭގައި ހިނގާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރާނެ ކަމަށެވެ.