ސުޕްރީމް ކޯޓް

މަހާޒް ސުޕްރީމް ކޯޓަށް ހޮވަން އެމްޑީޕީން ތްރީލައިން ވިޕު ނެރުމުން ދިޔާނާ މަހާޒަށް މަރުހަބާ ވިދާޅުވެއްޖެ

މަހާޒް ސުޕްރީމް ކޯޓަށް ހޮވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރުމުން ދިޔާނާ މަހާޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މަހާޒަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ދިޔާނާ ވިދާޅުވީ ގާތް ގުޅުން ބޭއްވެވުމާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމު ކުރިޔަށް އޮތް ތަނުގައި ވެސް ދެމެހެއްޓެވުމަށް މީގެ މަދު ރެޔެއް ކުރީން މަހާޒްއާ ގުޅުއްވައި ވާހަކަދެއްކެވި ކަމަށެވެ.

މީގެ އިތުރުން، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް އޭނާއަށް ސަޕޯޓުކޮށް އެހީތެރިވީ އެންމެންނަށް ދިޔާނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަހާޒު އައްޔަން ކުރުމަށް އެމްޑީޕީން ތްރީލައިން ވިޕް ނެރުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 50 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓް ދެއްވައި ގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މަހާޒްގެ އިތުރުން ފާތުމަތު ދިޔާނާ ސައީދާއި ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށެވެ. އެއީ އެ ދެބޭފުޅުންނާއެކު އެ މަގާމަށް ކުރިމަތި ލެއްވި، ހަ ބޭފުޅުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް ފޮނުއްވެވުމުން ޖޭއެސްސީން ދިން ލަފަޔާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.