މެމްބަރު މުހައްމަދު ސައީދު

މަޖިލިސް ރައީސްކަން އެހެން ބޭފުޅަކަށް ދީފިނަމަ އެޖެންޑާ 19 ތަންފީޒު ކުރަން ފަސޭހަވާނެ: ސައީދު

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންނަވައި، މަޖިލީހުގެ ރައީސްކަން އެހެން ބޭފުޅަކަށް ދީފިނަމަ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒު ކުރަން ފަސޭހަވާނެ ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދާ އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ބާރުއެޅުމަށް ކަރަންޓް އަގުހެޔޮކުރުމާ ބެހޭ ގަރާރަށް ބަހުސް ކުރަމުން ސައީދު ވިދާޅުވީ މިއަދުގެ ބަހުސްގައި ރައީސް ނަޝީދު ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާތަން ފެންނަ ކަމަށެވެ. ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމު ދޫކުރައްވައި މަޖިލީހުގެ ތަޅުމުގައި އިންނަވާނަމަ އެޖެންޑާ 19 ތަންފީޒު ކުރަން ފަސޭހަވެގެން ދާނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މަޖިލީހަކީ ގަރާރު ހުށަހަޅާ މަޖިލީހަކަށް މިހާރު ވެފައިވާ ކަމަށެވެ. އަދި ތިމާވެއްޓާއި ބެހޭ ކޮންމެ ގަރާރެއް ހޯރަފުށީގެ މެންބަރު އަހުމަދު ސަލީމް މެދުވެރިކޮށް ހުށަހަޅާ ކަމީ އެކަމާމެދު ވިސްނަން ޖެހޭ ކަމެއް ކަމުގައި ވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވަނީ މިހާރުގެ ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތެޔޮ އަގުހެޔޮ ނުވެގެން އުޅޭ މައްސަލަ އެނގިގެން ނޫންތޯ ސުވާލުކުރައްވައިފަ އެވެ. އަދި 2013 ވަނަ އަހަރު ޕީޕީއެމުން ސަރުކާރާ ހަވާލުވި އިރު ރާއްޖޭގައި ތިންމަސް ދުވަހުގެ ތެޔޮ ރައްކާ ނުކުރެވޭ ކަމަށާއި އެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް އެކަން ބަދަލުވެ، ފޮނަދޫގައި ހަމަސް ދުވަހުގެ ތެރޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖެއަށް ދުވާލަކު ވަންނަ ކޮންމެ ޑަލަރެއްގެ %60 އާއި %80 އާއި ދެމެދު ހޭދަކުރަނީ ފިއުލް ގަތުމަށް ކަމަށް ސައީދުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޒިންމާދާރު ވެރިކަމެއް ކުރުން ނޫން ކަމަށާއި ނަމަވެސް ޒިންމާދާރުު ވެރިކަމަކީ ފައިސާ ރައްކާކުރެވޭ ގޮތަކަށް އަމަލުތައް ބައްޓަން ކޮށްގެން ކުރެވޭނެ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މަޖިލީހަށް ގަރާރު ހުށަހެޅުމުގެ އިތުރުން ރައީސް ނަޝީދު މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާތީ ސައީދު ފާޑު ވިދާޅުވި އިރު ސައީދުގެ އިތުރުން ސަރުކާރާއި އިދިކޮޅު މަޖިލިސް މެމްބަރުންވެސް ވަނީ ރިޔާސަތުގައި އިންނަވައިގެން މަޖިލީހު ބަހުސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައި ގަންނަވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ.