މާލޭ ސިޓީ ކައުންސިލް

އޭސީސީން މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެ

އެންޓި ކޮޕަރްޕްޝަން ކޮމިޝަން (އޭސީސީ) އިން މާލޭ ސިޓީ ކައުންސިލް ހިންގާ އިދާރާއަށް ވަދެއްޖެ އެވެ.

އޭސީސީގެ މީޑިއާގެ އޮފިޝަލު ވަނީ ދާދި ދެންމެ މިކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، ސިޓީ ކައުންސިލަށް ވަޑައިގެންނެވީ އޭސީސީގެ މެންބަރުން ނޫން ކަމަށާއި އެއީ އެ ކޮމިޝަނުގެ ތަހުގީގު ޓީމެއް ކަމަށެވެ.

"ސިޓީ ކައުންސިލުގައި މިހާރު ހަރަކާތްތެރިވަމުން އެ އަންނަނީ މި ކޮމިޝަނުގެ އިންވެސްޓިގޭޝަން ޓީމެއް. އެބޭފުޅުން އެ ތަނަށް ވަޑައިގެންފައި އެ ވަނީ ލޮނުޒިޔާރަތްކޮޅުގައި ހަދަމުން އަންނަ ޕާކުގެ މައްސަލައިގަ. ފާޚާނާ ބަރީގެ މައްސަލައިގައެއް ނޫން." އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އިތުރު ތަފުސީލެއް މީޑިއާ އޮފިޝަލު ނުދެއްވި އެވެ.

ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ހަދާ ޕާކާއި ފާޚާނާ ބަރީގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ހަމަ އެ ކައުންސިލުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ކަމާ ގުޅުން ހުރި ލިޔެކިޔުންތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ކަމުގެ ތުހުމަތު ވެސް އެ މެންބަރުން ވަނީ ކުރައްވައިފަ އެވެ.

މި ތުހުމަތާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ރޭ ވިދާޅުވީ، އެ ތުހުމަތު ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ކައުންސިލުގެ ތިން މެންބަރަކު ތަނުގެ ހިންގުން ހުއްޓުމަކަށް ގެންނަން ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.