މިއަަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.25 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1.25 މިލިއަނަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 15.8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 1.08 މިލިއަން ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު ބޮޑުތަން އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު 117،619 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 107،620 ފަތުރުވެރިންނެވެ. މިއީ 9.3 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ނޯތު އިސްޓް އޭޝިއާގެ ގައުމުތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، ޖަޕާން، ކޮރެއާ އަދި ޓައިވާން އެވެ. މި ގައުމުތަކުން ޖުމްލަ 300،559 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ބޭރު ދުނިޔޭގައި ކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮސްޓްރޭލިއާ އާއި ޔޫކޭގެ ނޫސްވެރިންވެސް ވަނީ ރާައްޖެ ޒިޔާރާތްކޮށްފައެވެ.
މިއަހަރު ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.