ބޮލީވުޑް

އަމީތާބުގެ ގޭގައި އަލިފާނުގެ ހާދިސާއެއް! އައިޝްވާރިޔާގެ މެނޭޖަރަށް އައިސީޔޫގައި ފަރުވާދެނީ، އަލިފާން ނިއްވައިލީ ޝާޚު

އައިޝްވަރިޔާ ރާއީ ބަޗަންގެ މެނޭޖަރު އަލިފާނުގެ ހާދިސާއަކުން ސަލާމަތްކޮށްދީގެން ބޮލީވުޑްގެ ބާދްޝާ ޝާހުރުކް ޚާން ހީރޯއަކަށް ވެއްޖެ އެވެ.

މިހާދިސާ ހިނގީ މެގާ ސްޓާ އަމީތާބް ބަޗަން ގެ، "ޖަލްސާ" ގައި އޮތް ދިވާލީ ޕާޓީގައެވެ. ދެއަހަރަށްފަހު އަމީތާބްގެ އާއިލާއިން ބޭއްވި މި ޕާޓީއަށް ގިނަ އަދަދެއްގެ ބީޓައުން ތަރިންވަނީ ގޮސްފައެވެ.

ހާދިސާ ހިނގަން ދިމާވީ އައިޝްގެ މެނޭޖަރު، އަރްޗަނާ ސަދާނަންދް ގެ "ލެހެންގާ" (ލާފައިވާ އިންޑިއަން ހެދުން) ގައި ހުޅުހިފުމުންނެވެ. ޝާހަށް އެތަން ފެނުމާއެކު އޭނާގެ ޖެކެޓުން އަލިފާން ނިންވާލިއެވެ. ހާދިސާ ހިނގި އިރު އަރްޗަނާ ހުރީ އޭނާގެ ދަރިފުޅާ އެކުއެވެ. އޭރު ގަޑިން މެންދަމު ތިނެއްޖަހާފައިވުމާއެކު ޕާޓީން ވެސް މީހުން ވަނީ މަދުވެފަ އެވެ.

މިހާދިސާގައި އަރްޗަނާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 15 ޕަސެންޓް ފިހުމާ ގުޅިގެން މިވަގުތު އަންނަނީ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ. އޭނާގެއަތާއި ކަނާތު ފައި ވެސް ވަނީ ފިހިފަ އެވެ. ޝާހުވެސް ވަނީ ކުޑަކޮށް ފިހިފައެވެ.

ޝާހު ދެއްކި ހުޝިޔާރުކަމާއި ޖެހިލުންކުޑަކަމަށްޓަކައި ގިނަ ބައެއްގެ ފަރާތުން އޭނާއަށް އަންނަނީ ތައުރީފު ލިބެމުންނެވެ.