މިދިޔަ މަހު މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ މައްސަލަތައް އޭގެ ކުރީ މަހާ އަޅައި ބަލާއިރު އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖުމުލަ 251 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައި ވެއެވެ. މިއީ އޮގަސްޓް މަހާ އަޅައި ބަލާއިރު 83 މައްސަލަ އިތުރު އަދަދެކެވެ. އޮގަސްޓް މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ ޖުމްލަ 168 މައްސަލައެވެ.
މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި އެ މިނިސްޓްރީއަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ގޮތުންނެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ ޖުމުލަ 125 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 37 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ ތެރޭގައި، ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ، ޖިންސީ ހާނީއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.
މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސަބުތަކުން ދައްކާގޮތުގައި ޖުމުލަ އަށް ދާއިރާއަކުން އެކި މައްސަލަތައް ހުށަހަޅާފައިވެއެވެ.