ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑާ ގުޅެން ނިންމީ 2018 ވަނަ އަހަރު ކަމަށް ބެލްޖިއަމް ތަރި އެޑެން ހަޒާޑް ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ފޯވަޑް ޗެލްސީ ދޫކޮށްލާފައިވަނީ އޭނާ އެ ކްލަބު ދޫކޮށް ރެއާލްއާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށެވެ. މިސީޒަނުގައި 130 މިލިއަން ޕައުންޑުގެ އަގަކަށް ރެއާލްއާ ހަޒާޑް ގުޅުނީ ޗެލްސީއަށް މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކުރުމަށްފަހުއެވެ.
"އަހަރެން ވޯލްޑް ކަޕަށް ފަހު، އެ ނިންމުން ނިންމައިފިން. އޭރު އެކަން ނުވުމުގެ ސަބަބުން އަހަރެއްހާ ދުވަހު އަހަރެން ޗެލްސީގައި ހޭދަކުރުމުން އިތުރަށް ޓްރާންސްފާގެ ކަންތައް ފަސޭހަވެގެންދިޔަ. ޗެލްސީން އެކަމަށް ވިސްނައި، އަހަރެން ދޫކޮށްލުމަށް ނިންމި،" ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ ރެއާލްއާ ގުޅުމަށް އެންމެ ބޮޑަށް ވިސްނައިދިން ކުޅުންތެރިޔަކީ ރެއާލްގެ ގޯލު ބަލަހައްޓަމުން އަންނަ ޗެލްސީގެ ކުރީގެ ކީޕަރު ތިބައުޓް ކޯޓުވާ ކަމަށާއި ރެއާލަށް ކުޅުމަކީ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް ކަމަށެވެ.
"ރެއާލް މެޑްރިޑް، ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބަށް ކުޅުމަކީ އަހަރެން އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް. އެ ހުވަފެން ހަގީގަތަކަށްވުމުން އަހަރެން އުފާކުރަން. ރެއާލްއަކީ އެންމެ މޮޅު ކްލަބު ކަމަށް ކޯޓުވާ އަބަދުވެސް އަހަރެންނަށް ވިސްނައިދެމުންދިޔަ. އަހަރެން ލޫކާ މޮޑްރިޗާ ވެސް ވާހަކަދެއްކިން. އަދި އަހަރެން އެކްލަބަށް އައުމަށް އަބަދުވެސް އެދޭ ކަމަށް އޭނާ ބުނި،" ހަޒާޑް ބުންޏެވެ.
ރެއާލްގެ ފެށުން ހަޒާޑަށް ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. މިހާތަނަށް ރެއާލުގެ ޖާޒީގައި ހަޒާޑަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ.