ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިޝް އާއި ގައްދޫ ރަޝީދުގެ ނަން ހުށަހަޅައިފި

އަހުމަދު ޖައިޝަން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ދެބޭފުޅެއްގެ ނަންފުޅު ހުށަހަޅައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅި ދެނަމަކީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެވެ. އޭގެ ތެރެއިން ފާރިޝްގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ދެވަނައަށް ހުށަހަޅާފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަމެވެ. އޭނާގެ ނަންފުޅު ހުށަހަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރާއިރު ކުރީން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެ މަގާމުން ވަކި ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެއެވެ.

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ 23 ޖުލައި 2014 ގައެވެ. އަދި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ 24 ޖުލައި 2014 ގައެވެ.