ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ އަކީ އޭނާއަށް ކޮށްދިން ގާނޫނީ މަސައްކަތުގެ އުޖޫރަ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ހިޔާނާތުގެ މަންފާގެ ގޮތުގައި އަލީ ހުސައިނަށް އަދީބު 500،000 ރުފިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރުމާ ގުޅިގެން "ވަން" އަށް މައުލޫމާތުދެއްވަމުން އަލީ ހުސައިން މިއަދު ވިދާޅުވީ އަދީބު އޭނާއަށް ދިން ފައިސާއަކީ ކޮށްދިން ގާނޫނީ މަސައްކަތަކަށް ދިން ފައިސާ ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ އެ މައްސަލައިގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިގެން ނުވާނެ ކަމަށާއި، ހިޔާނާތުގެ ތުހުމަތު ލިސްޓުގައި ނަން އޮތްކަން އެނގިވަޑައިގަތުމުން އެކަން ސާފުކޮށްދެއްވުމަށް ފުލުސް އޮފިީހަށް މިދިޔަ އާދިއްތަ ދުވަހު ވަޑައިގަތީ އަމިއްލައަށް ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގިއިރު އަޅުގަނޑު ހުންނާނީ ސަރުކާރުގެ މަގާމެއްގައެއްވެސް ނޫން. އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ އަމިއްލައަށް ލޯޔަރެއްގެ ގޮތުގައި" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ އަދީބު އޭނާ އަށް ދިން ފައިސާއަކީ އަދީބުގެ އަމިއްލަ މައްސަލައަކާއި އަދީބުގެ ހިއްސާ އޮންނަ ތިން ކުންފުންޏަކަށް ކޮށްދިން ގާނޫނީ މަސައްކަތުގެ ބަދަލުގައި ދިން ފައިސާއެއް ކަމަށެވެ.
އަދި މި ކޭސްތަކުގެ މައްސަލަތައް ހައިކޯޓުންވެސް ފެންނަން ހުންނާނެކަން ފާހަގަކުރައްވައި އަލީހުސައިން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގެ ތުހުމަތު ކުރަނީ ސިޔާސީ ބޭނުމަށް ކަމަށާއި އޭނާގެ ނަން ކިލަނބު ކުރުމަށް ކަމަށެވެ.