އަންނަ ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް ދިރާގުން ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައި ދިނުމުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ހާއްސަކޮށްގެން ދިރާގުން ފެށި މި ޕްރޮމޯޝަންގެ ދަށުން ގޭގެއަށް ފައިބަރ ކަނެކްޝަން ހިލޭ ގުޅުމުގެ އިތުރުން ރައުޓަރެއް ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ މިއަދުއެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުގެ މި ހިދުމަތަކީ މިހާރު ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕްކޭޖުތައް ހިމެނޭ ހިދުމަތް ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކު ކަމަށް ދިރާގުން ބުނެއެވެ. މިހާތަނަށް ރާއްޖޭގެ ގޭބިސީގެ %75 އަށް ހިދުމަތް ފޯރުކޮށްދޭ ކަމަށް ވެސް ދިރާގުން ބުނެއެވެ.