މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސާފު ފައިދާ 25 އިންސައްތަ އިތުރުވެއްޖެ އެވެ.
އެސްޓީއޯގެ ވެބްސައިޓްގައި ހޯމަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން މިދިއަ ކުއާޓަރުގައި ކުންފުނީގެ ހިންގުމުގެ ހަރަދުވެސް ވަނީ 12 މިލިއަން ރުފިޔާ ކުޑަވެފަ އެވެ.
ޓެކްސް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިކުއާޓަރުގެ ފައިދާ 112 މިލިއަން ރުފިޔާއަށް އަރާކަމަށާއި ޓެކްސް ކެނޑުމަށް ފަހު އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 95 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން އާންމުކުރި މާލީ ރިޕޯޓުން ދައްކައެވެ. އާމްދަނީގެ ގޮތުގައި 2،247 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެސްޓީއޯގެ މާލީ ރިޕޯޓުން ދައްކައެވެ.
ތިންވަނަ ކުއާޓަރުގެ ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތިން ކުއާޓަރުގެ ފައިދާ އެއްކޮށްލުމުން މިދިޔަ އަހަރުގެ ޖުމުލަ ފައިދާއަށްވުރެ މި އަހަރުގެ ތިންކުއާޓާއިން އެސްޓީއޯއަށް ލިބިފައިވާ ފައިދާ ވަނީ ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެފައި ކަމަށް ވެސް އެ ކުންފުނީގެ ހިސާބުތަކުން ދައްކައެވެ.
އެސްޓީއޯގެ ފައިދާ އިތުރުކޮށްފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށްފަހުކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.
އެސްޓީއޯގައި ޖުމުލަ 2113 މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނައިރު އޭގެ ތެރެއިން 81 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.