ކުރީގެ ލަވަތައް ފިލްމުތަކުގައި ރީކްރިއޭޓް ކުރުން މިހާރަކަށް އައިސް ވަނީ ބޮލީވުޑްގެ އާ ޓްރެންޑަކަށް ވެފައެވެ.
މި ލިސްޓަށް މިފަހަރު އިތުރު މިވަނީ ގޯވިންދާގެ މަޝްހޫރު ލަވައެކެވެ. 1998 ގައި ގޯވިންދާގެ ފިލްމު "ދުލްހޭ ރާޖާ" ގެ ލަވައެއް ކަމަށްވާ "އަކިޔޯސޭ ހޯލީ މާރޭ.." މިލަވައެވެ. ގޯވިންދާ އާއި ރަވީނާ ޓަންޑޮން އެކްޓްކޮށްފައިވާ މި ރީތި ލަވަ ރީކްރިއޭޓް ކުރަނީ ކާތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާނެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"އަށެވެ.
ހަމައެކަނި ނުވަދިހައިގެ އަހަރު ތަކުގެ އިތުރުން މި ލަވަ އަކީ މިހާރުވެސް އެހާ މަގުބޫލު ލަވައެކެވެ. ހާއްސަކޮށް މޮޅު ދެ ނެށުންތެރިން ކަމަށްވާ ގޯވިންދާ އާއި ރަވީނާ ލަވައިގައި ހުށަހަޅައިދޭ މޮޅު ނެށުމަށް މިހާރުވެސް ތައުރީފުލިބެއެވެ.
ޕަތީ ޕަތުނީ އޯރް ވޯގައި ކާތިކް މިލަވައިގެ އެކްޓް ކުރަނީ ބަތަލާ ބޫމީ ޕެޑްނޭކަރު އާއި އަނަންޔާ ޕަންޑޭއާއެކުއެވެ.
"މި ފިލްމަކީ ވަކި ކަހަލަ ވާހަކައަކަށް ވިސްނާފަ ހަދާ ފިލްމެއް. އެހެން ކަމުން ފިލްމުގައި ހިމެނޭ ގިނަ ލަވަތައް ހުންނާނީ ފިލްމުގެ ވާހަކައާ ގުޅުވާލެވިފަ އެ ވާހަކަވެސް އޭގެން ދޭހަވާނެ ގޮތަށް. އެހެން ކަމުން އެކްޓަރުން މަޖާވެލާފަ ފެނިގެންދާނެ ލަވައެއް ފިލްމުން ފެނުން މުހިންމުވީ." ފިލްމުގެ ޑައިރެކްޓަރު މުދައްސަރު އަޒީޒް ބުންޏެވެ.
މުދައްސަރު އިތުރަށް ބުނީ ލަވައިގެ ކްރިއޯގްރަފީ ހަދައިދެނީ ފަރާ ޚާން ކަމަށާއި އެލަވަ ފިލްމުގެ ޕްރޮމޯޝަން ޓްރެކްއިންވެސް ފެނިގެންދާނެ ކަމަށެވެ.
މިލަވަ ޝޫޓްކުރަން ހަަމަޖެހިފައިވަނީ އަންނަ މަހުއެވެ.