އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ލިސްޓު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ކޮމިޓީން ބަންގުލަދޭޝް ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވައިފިއެވެ.
އަންނަ މަހު ފަށާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތާ ގުޅޭ ކަންކަމާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފްއާ ކުރުމަށް ދާދި ފަހުން ބަންގުލަދޭޝް ވޮލީބޯލް އެސޯސިއޭޝަނަށް އޭވީސީން ވަނީ އަންގައިފައެވެ. އަދި އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވުމަށް ނޯމަލައިޒޭޝަން ކޮމިޓީން ކުރަމުންގެންދާ މުއާމަލާތުތައް ބަލައިނުގަތުމަށް ވެސް އަންގާފައިވެއެވެ.
އިންތިހާބީ ކޮމިޓީ މެމްބަރުންގެ ލަފައާއެކު މުބާރާތުގައި ރަޖިސްޓަރީ ކުރުމަށް 40 ކުޅުންތެރިންގެ ލިސްޓެއް ފޮނުވާފައިވާކަން ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީމާ ސަލީމް)އަށް ވީއޭއެމްގެ އިންތިހާބީ ރައީސް ލަތީފް ފޮނުއްވި ސިޓީއެއްގައި ވަނީ ވިދާޅުވެފައެވެ.
"ގާނޫނާ ހިލާފަށް މަނިކުފާނު ހިންގަވާ އަމަލަކުން ދިވެހި ކުޅިވަރަށް ވަކިން ހާއްސަކޮށް ވޮލީބޯޅައަށް އަދި ވޮލީބޯޅަ ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ދެރައެއް، ގެއްލުމެއް، ނިކަމެތިކަމެއް ލިބުމަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ހައިސިއްޔަތުން އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ..،" ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ލަތީފް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ހަމަވެފައިވީ ނަމަވެސް، ރާއްޖޭގެ ވޮލީބޯޅައިގެ މިހާރުގެ ހާލަތަށް ބަލައި، މުބާރާތުގައި ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ބަންގުލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނުގެ ފަރާތުން ދީފައިވާ ކަމަށާއި އެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ބަލާ އިރު، މުބާރާތުން ރާއްޖެއަށް ފަހުރުވެރި މެޑެލްއެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ ސަލީމް ވަނީ، ވީއޭއެމްގެ އިންތިހާބީ ރައީސް މަގާމުގެ ޒިންމާތަކުން ލަތީފް ދުރުކޮށް ނޯމަލައިޒޭޝަން ކޮމެޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށް، ތިން މަސް ތެރޭގައި އާ އިންތިހާބެއް ބޭއްވުމުގެ މަސްއޫލިއްޔަތު އެ ކޮމިޓީއާ ހަވާލުކޮށްފައެވެ. އަދި އެ ކޮމިޝަނުން ވީއޭއެމްގެ އިދާރީ އޮފީހަށް ވަދެ ވީއޭއެމް ހިންގުމާ ވެސް ވަނީ ހަވާލުވެފައެވެ.
މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން ވަނީ ސަރުކާރުން އެކުލަވާލި ކޮމެޓީ ބަލައި ނުގަންނަ ކަމަށް އަންގައިފިއެވެ. އަދި ވީއޭއެމްގެ ހިންގުން އިންތިހާބީ ކޮމެޓީއާ ހަވާލުކުރުމަށް ވެސް ވަނީ އެދިފައެވެ. އޭގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އަންގާފައިވެއެވެ.
ސްޕޯޓްސް ކޮމިޝަނަރު އެކުލަވައިލި ކޮމެޓީން މި މަހު 24ގައި ބާއްވަން އުޅުނު އިންތިހާބު ވަނީ އެންމެ ފަހު ވަގުތު ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ. އަދި ފަހުން އެ ކޮމެޓީގެ މުއްދަތުވެސް ހަމަވެފައިވާ އިރު، ވީއޭއެމްގެ ހިންގުންވެސް ވަނީ ފާޑެއްގެ ހުސްކަމެއްގެ ތެރޭގައެވެ.