ކުނީގެ މައްސަލަ

އެއްލާލާ ކުނިކޮތަޅާމެދު ވިސްނާލާ! ކުނި ވަކިކޮށްގެން ބަންދުކުރޭ!

އާނިފާ ހުސެއިން ސިރާޖް

ރަނގަޅު އަދި އެފެކްޓިވް ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އަދި ރާއްޖޭގައި އުފެދޭ ކުނީގެ ނިސްބަތް މިދަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށް ރާއްޖޭގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަންނަނީ ބުނަމުންނެވެ.

ވެމްކޯއިން ތިލަފުށީގައި ހިންގަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އުފެދިފައިވާ ކުނިގޮނޑަކީ، އަޅުގަނޑުމެން އެންމެން ޒިންމާވާން ޖެހޭ، ގައުމީ ބޮޑު މައްސަލައެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބޭ ގެއްލުމަށް އަޅުގަނޑުމެން އެންމެން ޒިންމާވާން ޖެހެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުންނާއި، އިމްޕޯޓް ކުރާ ތަކެއްޗަށް އާންމުން ބަރޯސާ ވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ރާއްޖޭގައި އުފެދޭ ކުނީގެ ނިސްބަތް އަދިވެސް އިތުރުވެގެން ދާނެކަމަށް ވެމްކޯއިން އަންދާޒާ ކުރެ އެވެ. އެހެންކަމުން މި ބޮޑު މައްސަލަށް ހައްލެއް ގެނެސް، ތިލަފުށީގައި އޮތް ކުނިގޮނޑަށް އުކާލާ ކުނި މަދުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އަންނަނީ ގޭބީސީ ތަކުގައި އުފެދޭ ކުނި އުކާލުމުގެ ކުރިން، ވަކިން ބަންދުކުރުމަށް ބާރުއަޅަމުންނެވެ. މިކަމުގެ ސަބަބުން އުފެދޭ ކުނި މަދުކުރެވި، ތިމާވެއްޓަށް ދުޅަހެޔޮ ބަދަލުތަކެއް އާދެއެވެ.

ރާއްޖޭގައިވެސް ދިމާވެފައި މިވާ ކުނީގެ ބޮޑު މައްސަލަ ހައްލުކުރުމަށް ކުނި އުކާލުމުގެ ކުރިން، ވަކިން ބަންދުކުރުމާއި އަލުން ބޭނުންކުރެވޭ ފަދަ ކުނި ރިސައިކަލް ކުރުން ފަދަ އާދަތައް ހަރުލައްވަން އެބަ ޖެހެއެވެ.

  • ކުނި ވަކިކޮށްގެން ބަންދުކުރުމުގެ މުހިންމުކަން:
  • (ކުނިވާ ޒާތުގެ ކާބޯތަކެތި އަދި ކުނިނުވާ ޒާތުގެ ކުންޏަކީ ކޮބާ؟ އަދި މިފަދަ ކުނި ވަކި ކުރާނެ ގޮތް)
  • . ކުނި ވަކިކޮށްގެން ބަންދުކުރުމުން، އެއްލާލާ ކުންޏާއި މެދު ދެވަނަ ވިސްނުމަކަށް ދެވޭނެ، އަދި އުކާލާ ތަކެތި އަލުން ބޭނުން ކުރުމަށް ބާރުއެޅޭ (ރީ ޔޫސް، ރެޑިއުސް)
  • . ކުނި ވަކިން ބަންދުކުރުން ރީސައިކަލް ކުރުމަށާއި، އަލުން ވިއްކާލެވޭ ފަދަ އެއްޗެތި (ބިއްލޫރީ، ދަގަނޑު، ފިލާ) ރީސޭލު ކުރުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ
  • . ކުނި ކޮތަޅު ކުންޏައްވާ ސަބަބު: އެއްކޮށްލައިގެން ކުނި ބަންދުކުރުމުން، އޭގައިވާ އެއްވެސް ބާވަތަކުން އިތުރު ބޭނުމެއް ނުކުރެވޭ، ސަބަބަކީ ހުރިހާ ކުންޏެއް އެއްވުމުން އެކި ކުނި ތަޣައްޔަރުވުން. އަދި އެފަދަ ކުނި ކޮތަޅުތައް ފޮނުވާލަން ޖެހެނީ ކުނިގޮނޑަށް
  • . އުފެދޭ ކުނި މަދުވުން، ކުނި އުފުލުމަށްޓަކައި ބޭނުންކުރާ ބޮޑެތި އުޅަނދުތަކާއި ވެހިކަލްތައް މަދުކޮށް، އުފެދިފައިވާ ކުނިގޮނޑުތައް މަދުކުރެވޭނެ. އަދި ތިމާވެއްޓައް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ. ކުނީގެ ސަބަބުން މުޖުތަމައުގެ ސާފުތާހިރު ކަމާއި، ވެށިގެ ދުޅަހެޔޮ ކަަމަށް ކުރާ ނޭދެވޭ އަސަރުތައް ނައްތާލެވޭނެ.
  • . އުފެދޭ ކުނީގެ ބާވަތްތައް ދުރާލައި ދެނެގަނެވުމުން، ކުނި ނެގުމުގައި ހަރަކާތްތެރިވާ ވެމްކޯގެ މުވައްޒަފުންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދެވޭނެ. (މިސާލު: ބިއްލޫރި، ދަގަނޑު އަދި ތޫނު އެއްޗިހި އުފުލުމުގައި އިތުރު ސަމާލުކަން ދެވޭނެ)
  • . ނުރައްކާތެރި އަދި ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކުނި، އެކަހެރިކޮށްފައިވާ ސަރަހައްދުތަކުގައި ނައްތާލަން ފަސޭހަވާނެ.

އެހެންކަމުން، ކުނިކޮތަޅު ބަންދުކުރުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދިއުމަކީ އަޅުގަނޑުމެންގެ ނާޒުކު ތިމާވެށީގެ ދުޅަހެޔޮ ކަމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އަދި މިކަމަށް ބާރުއެޅޭނެ އެންމެ މުހިންމު ކަމަކީ، ގޭބީސީތަކުގައި އުފެދޭ ކުނި މަދުކޮށް، އެއްލާލާ ކުނި ވަކިން ބަންދުކުރުމެވެ.