ރައްޔިތުންގެ މަޖިލިސް

60 ހާހަށްވުރެ މަތިން ޓެކްސް ނަގަން ކަނޑައަޅައި މުއާސަލާތީ ހިދުމަތްކާއި ދަތުރު ފަތުރުން ޓެކްސް ކަނޑާލަން ޖެހޭ

އިބްރާހިމް ޒަކީ

ސާޅީސް ހާހުން މަތީގެ އާމްދަނީން އިންކަމް ޓެކްސް ނެ ގުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ، އިންކަމް ޓެކްސްގެ ބިލުގައި އޮތް އޮތުން ބަދަލުކޮށް، 60 ހާހަށްވުރެެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ކަނޑަ އަޅައި، މުއާސަލާތީ ހިދުމަތްތަކުން ނަގާ ޓެކްސް އާއި ދަތުރު ފަތުރުން ނަގާ ޓެކްސް ކަނޑާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މިއަދު ހުށަހަޅުއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލުގައި އިންކަމް ޓެކްސް ނެގުމަށް ހުށަހަޅާފައިވަނީ 40،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ.

މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މުއާސަލާތީ ހިދުމަތްކުން ނަގާ ޓެކްސް ކަނޑާލައި ދަތުރު ފަތުރުން ނަގާ ޓެކްސް ކުޑަ ކުރުމަށް އެމްޑީޕީންވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ބިލުގައި އެކަން ހިމެނިފައިވާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅިގެން ދާއިރު އެންމެ އުފާވަނީ، ކުޑަ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްގެ އެއްވެސް މިންވަރެއް ނުނެގޭތީ ކަމަށެވެ. އަދި ރާއްޖޭގައި އިންކަމް ޓެކްސް އަލަށް ތައާރަފު ވެގެން އަންނައިރު ޖުމުލަ މުޅި ރައްޔިތުންނަށް ލުޔެއް އަންނަން ޖެހޭ ކަމަށާއި އެކަމަށް މުއާސަލާތީ ހިދުމަތްތަކުން ނަގާ ޓެކްސް އާއި ދަތުރު ފަތުރުން ނަގާ ޓެކްސް ކަނޑާލުން މުހިއްމު ކަމަށެވެ.

އެކަމުގެ ސަބަބުން މުޅި ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ބިލު ކޮމިޓީ މަރުހަލާއަށް ދިޔުމުން އެ އިސްލާހު ބިލަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.